ރިޔާސީ އިންތިހާބާ ގުޅުވައި އެ ކުންފުންޏަށް ނިސްބަތްކޮށް ފަތުރަމުންދަނީ ދޮގު ހަބަރުތަކެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން މިގޮތަށް ބުނެފައި ވަނީ 'ދިޔަރެސް' ނޫހުންނާއި 'ޗެނަލް 13' އިން އެ ކުންފުންޏާ ދެކޮޅަށް އެކިއެކި ހަބަރުތައް ފަތުރަމުން ދިޔުމާ ގުޅިގެންނެވެ. އެއާއެކު އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ހިދުމަތްތަކެއް ނަމަވެސް ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށާއި ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުން ދާކަން އެ ކުންފުންޏަށް ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިހާބާއި ގުޅުވައި، ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އެފަދަ އަމަލެއް ކުންފުނީގެ ފަރާތުން ނުހިންގާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނިންވަނީ ރައްޔިތުންނަށް އަރުވާފައި ވެއެވެ.

އަދި ހަމައެހެންމެ ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި ނަމަވެސް ކުންފުންޏާއި، ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނަމަވެސް، މިކުންފުންޏާއި ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ތަކަކީ، އެ އަސާސްތަކާއި ކަނޑައެޅިގެން ހިލާފަށް ފަތުރަމުންދާ ވާހަކަތަކެކެވެ." އެ ބަޔާނުގައި ވެއެވެ.

އަދި ރައްޔިތުންނަށް ހަބަރުތައް ފޯރިކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި، އިންތަކާއި މިންތައް، ދެމެހެއްޓުމަށް އެ ކުންފުނިން ނޫސްވެރިންނަށް ގޮވާލާފައި ވެއެވެ.