ސިޔާސީ ގޮތުން މިއަދު ޕީޕީއެމްއާ އެއްވެސް ބަޔަކު ކައިރި ނުވާނެ ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް މިފަދައިން ވިދާޅުވީ ކ. ގުރައިދޫގައި މިއަދު ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

މައުރޫފް ވިދާޅުވީ ސިޔާސީ ތޮބީއީ ހަގީގަތް ބަދަލު ވަމުން ގޮސް އެމްޑީޕީގެ ޕޯޑިއަމްއެއްގައި ވާހަކަދައްކަން އުންމީދު ނުކުރައްވާ ކަމަށާއި ޕީޕީއެމްއާއެކު ހެދި ކޯލިޝަން ސަރުކާރުގެ ހިތި ތަޖުރިބާ އާއެކީގައި މިއަދު މިތިބީ ގަދަކޮށް އެމްޑީޕީއާއެކީގައި ކަމަށެވެ.

"ﷲ އިރާދަފުޅާއެކީގައި މި ތިން ޕާޓީއެކީގައި ރިޔާސީ ކެނޑިޑޭޓް ސޯލިހު ބޮޑުތަކުން ދެވަނަ ދައުރަކަށް އައްޔަން ކުރާނަން"
މައުރޫފް

އެމްޑީއޭއިން ޕީޕީއެމްއާއެކު ކޯލިޝަން ހަދައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަން ހޯދަދެން ކުރި މަސައްކަތްތަކަށް އަލިއަޅުވާލައްވާ މައުރޫފް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން "އޮފް" ނާރާ މީހަކު އޮފް ކޮށްގެން ރައީސް ކަމަށް އައްޔަން ކުރި ކަމަށާއި އެހެންނަމަވެސް ލިބުނީ ވަރަށް ހިތި ތަޖުރިބާއެއް ކަމަށެވެ.

އެ ކޯލިޝަނުގައި ތިބީ ދެ މަގުސަދަކަށްޓަކައި ކަމަށާއި އެއީ ވެރިކަން ވެއްޓިގެން ގޮސްފިނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުމަކަށްޓަކާ އަދި ޕާޓީގެ އިސްވެރިން ޖަލަށްލާފާނެތީ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އިދިކޮޅުން ހިންގަމުންދާ "އިންޑިއާ އައުޓް" ކެމްޕެއިނަށް އިޝާރާތް ކުރައްވާ މައުރޫފް ވިދާޅުވީ މިއަދު ދުނިޔޭގައި ނަން ހިނގާ ތިން ބާރުގެ ތެރޭގައި ހިމެނޭ ގައުމެއް އައުޓު ގޮވާކަށް ދުވަހަކުވެސް ބޭނުން ނުވާ ކަމަށާއި އެއީ ނުކުރާނެ ކަމެއް ކަމަށެވެ. އަދި ޕީޕީއެމްއަކީ ކަރަންޓީން ކުރަންޖެހޭ ޕާޓީއެއް ކަމަށާއި ކުރީ ޒަމާނުގައި ތޯއޫނު ބަލި އުފެދިއްޖެއްޔާ އެ ބަޔަކު އެއްވެސް ބަޔަކު ކައިރިއެއް ނުވާނެ ކަމަށް މައުރޫފް ވަނީ ވިދާޅުވެފައެވެ.