ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާ ކަމަކީ އެއް ލައްކައަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ ޖަޒުބާތާ ކުޅެލުން ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ކޮންމެ ދެރައެއް، އެއްލައްކަ އަށްވުރެ ގިނަ މީހުންނަށް ލިބެނޭ ކަމަށާއި އެމަނިކުފާނަށް ދޭ ކޮންމެ ގެއްލުމެއް ގާތުން އެ ރައްޔިތުން ބަލަމުން ދާނެ ކަމަށެވެ.
ރައީސް ސޯލިހަށް ކުޅުއްވެނީ އެންމެ ފަރުދަކާ ނޫން ކަމަށާއި އެ ކުޅުއްވެވެނީ ދިވެހި އެއް ލައްކަ އަށްވުރެ ގިނަ ޔަރްޔިތުންގެ ޖަޒްބާތާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިހާބު އަންނަން ދޮޅުމަހެއްހާ ދުވަހަށް ވެފައި ވާ އިރު ރައީސް ޔާމީން އަށް ތާއީދު ކުރާ އެއްލައްކައަށް ވުރެ ގިނަ މީހުން ނުނިދާނެ ކަމަށާއި އެ ރައްޔިތުން ތިބޭނީ ފަނޑިޔާރުގެއަށް އަތް ބޭނުމަށް މަސައްކަތް ކުރާ މީހުންގެ ފަސްފަހަތުގައި ކަމަށެވެ.
ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން "އަތްބާނާ" ކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ، އެކަން ކުރައްވަނީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސް އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ނަސީރު ކިޔާ ބޭފުޅަކު އިސްވެ ތިއްބަވައިގެން ކަމަށެވެ.
ފަނޑިޔާރުންނަށް ވެސް އެ ބޭފުޅުން ކުރެއްވި ހުވާގައިވާ ގޮތަށް މަސައްކަތް ކުރެއްވުމަށް ޝިޔާމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ މަސްތަކެއް ފަހުން އެ މައްސަލައިގައި ހިމެނޭ ޖޫރިމަނާ ފައިސާ (52.6 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.