އެކުގައި ކުރިއަށްދާ ދައުވާއެއްގެ ޝަރީއަތް ވަކު ކުރަން ގާނޫނު ތަން ނުދޭ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒް ވިދާޅުވެއްޖެއެވެ.

ސިޔާޒް މިފަދައިން ވިދާޅުވެފައި ވަނީ ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ދިނުމުގެ ދައުވާ ކުރާ އަހްމަދު ކްރިކް ރިޒާގެ ސަބަބުން ޝަރީއަތް މަޑުޖެހިފައިވާތީ، އޭނާގެ ބައި މި ވަގުތަށް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައިވަނިކޮށެވެ.

ސިޔާޒް ވިދާޅުވީ ހެކީންގެ ހެކިބަސް ނަގަން ފެށުމަށްފަހު ދައުވާ އަނބުރާގެނެސް އިސްތިސްނާއީ ހާލަތެއްގައި މެނުވީ އަލުން ހުށަހެޅުން ގާނޫނު ފުރުސަތެއް ނުދޭ ކަމަށެވެ. އަދި އެކުގައި ކުރިއަށްގެންދާ ދައުވާއެއް ޝަރީއަތް ފެށުމަށްފަހު ވަކި ކުރުމަށްވެސް ގާނޫނު ތަނެއް ނުދޭ ކަމަށެވެ.

މީގެ އެއް ގާނޫނީ ބަހުސަކީ ޝަރީއަތުގެ މަރުހަލާ ފެށުމާއެކު ދައުވާލިބޭ ފަރާތްތަކުން ދިފާއު ހާމަ ކޮށްފައި އޮތުން ކަމަށާއި ހީލަތްތެރިގޮތުގައި މީހުން ކުށްވެރި ކުރުމުގެ ދޮރު ބަންދު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާޒް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގައި ގާނޫނާއި ހިލާފު މިފަދަ އަމަލުތަކަށް ގިނަ ފަހަރު ފަރުވާ ލިބެނީ އިސްތިއުނާފި ކޯޓުތަކުން ކަމަށެވެ. އަދި ހައްލު ހޯދުމަށް ހޭދަވާ މުއްދަތު ބަންދުގައި ނުޙައްގު އަދަބެއް ލިބުމުން އެއަށް ޒިންމާކުރެވޭޭނެ ގޮތެއް ގާނޫނީ ނިޒާމުގެ ތެރެއިން ހޯދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕީޖީއިން ކުރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން ހުށަހަޅާފައިވާއިރު ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކެއްގެ ސައްހަކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން އިތުރަށް ބަލަން ޖެހޭ ބެލުންތައް ބަލަމުންދާ ކަމަށް ޕީޖީއިން ބުނެއެވެ. ކުރިކް ރިޒާގެ ބައިގައި ދިމާވި ހާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ގާނޫނީ ގޮތުން އޮތީ ބަންދުވެފައި ކަމަށްވެސް ޕީޖީއިން ވަނީ ބުނެފައެވެ.

މީގެއިތުރަށް ޕީޖީއިން ބުނެފައި ވަނީ ކްރިކް ރިޒާގެ ބައި އަނބުރާ ގެންނަނީ މި ވަގުތަށް މަޑުޖައްސާލުމަށް ކަަމަށާއި ހާލަތު ބަދަލުވުމުން ސާފުކުރަންޖެހޭ ކަންކަން ސާފުވުމުން އަލުން ދައުވާ ކުރިއަށް ގެންދާނެ ކަމަށެވެ.