ބ.ތުޅާދޫ، ތ.ވިލުފުށި އަދި ށ.ބިލެތްފަހީގައި އެއާޕޯޓް ހެދުމަށް ބިން ހިއްކުމަށް ޕްލޭނިން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީން ބުނީ، މިމަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ތުޅާދޫ އެއާޕޯޓަށް ބޭނުންވާ 44.70 ހެކްޓާ ބިން ހިއްކުމާއި، ވިލުފުށި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓާ ބިން ހިއްކުން އަދި ބިލެތްފަހި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓާ ބިން ހިއްކުން ހިމެނޭ ކަމަށެވެ.

އެ ކުންފުންޏަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 42.4 މިލިއަން ޑޮލަރަށެވެ. މި މަސައްކަތަކީ 280 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑް ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓާ ސިވަރާޖާ މަނިވައްނަން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.