ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް މާލެ އެތެރެ ކުރި ކަމަށް އަމިއްލަ އަށް އިއުތިރާފުވި ނަމަވެސް އޭނާގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެ ސިޓީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު 32 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުން ދުއްވި ކާރު ސިނަމާލެ ބްރިޖުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު 264 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ މުއާވިޔަތު އަހުމަދު ސަމީރުގެ މައްޗަށެވެ. އެގޮތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. އަދި ދައުވާއަށް އިޖާބަ ދިނުމުގެ މަރުހަލާގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެސް ވެފައެވެ. އަދި އަވަސްނިޔާގެ ޝަރީއަތުގެ އަޑުއެހުމުގައިވެސް އިއުތިރާފު ދަމަހައްޓާފައިވުމުން ޝަރީއަތުން ވަނީ އޭނާގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަމަށް ކަނޑައަޅާފައެވެ.

އެހެންކަމުން މި ކުށުގެ އަސާސީ އަދަބެއްގެ ގޮތުން ކަނޑައަޅާފައި ވަނީ 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފު ވުމުން އަދަބުގެ އަސާސީ މިންގަނޑު ދަށް ކުރުމުން އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1 މަހާއި 13 ދުވަހުގެ ޖަލު ހުކުމެކެވެ.

ޖަލު އަދަބު ނޫން އަދަބެއް ކަނޑައެޅުމުގެ މަސްލަހަތު މާ ބޮޑުކަން ފާހަގަކޮށް ޝަރީއަތުން ވަނީ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އެގޮތުން އެ އަދަބަށްވާ ޖުމްލަ އަދަދުކަމުގައިވާ 8600 ރުފިޔާގެ ޖޫރިމަނާ އަށްވާ ފައިސާ ދެމަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އޭނާގެ މައްޗަށް ވަނީ ހައި ކޯޓުން އަމުރުކޮށްފައެވެ.