ނ. ހޮޅުދޫގައި މަގު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ގެއެއްގެ ފާރު ވެއްޓި މަސައްކަތުގައި އުޅުނު އެ ރަށުގެ ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ރިޟްވާން މުހައްމަދު ވިދާޅުވީ، އެ ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރަން އުޅުނު އިރު ގެއެއްގެ ފާރު ވެއްޓި ތިން މީހަކަށް އަނިޔާ ވެފައި ވާ އިރު އެއީ އެ ރަށު މީހުން ކަމަށެވެ. އޭގެތެރެއިން އެކަކުގެ އުނަގަނޑުން ކަށިގަނޑަށް ގެއްލުން ވެފައިވާ ކަމަށް ބެލެވޭ އިރު، އަނެކަކުގެ ކޮނޑު ހުޅަށް އަނިޔާ ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ތިން ވަނަ މީހާއަށް މާ ބޮޑު އަނިޔާއެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެމީހުން ވަނީ ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އިތުުރު ފަރުވާއަށް އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައީ، އެ ރަށުން ބައެއް ފަރުވާ ދެވެން ނެތުމުން ކަމަށާއި، އެކްސްރޭ ނަގައި ލިބިފައިވާ ގެއްލުން ދެނެގަނެވޭނީ އުނގޫފާރު ހޮސްޕިޓަލުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަށުގައި މަގު ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ދާތާ 4 ވަރަކަށް މަސް ވެފައި ވާ އިރު ފާރު ވެއްޓުނީ އެ ސަބަބާ ހުރެގެންކަން އަދި ސާފެއް ނޫނެވެ.