ކެންސަރު ސްކްރީނިން އެޕްލިކޭޝަނަކާއި ޑޭޓާބޭސް އެއް އުފެއްދުމަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް) އަށް އެއް ލައްކަ ރުފިޔާގެ އެހީއެއް މިއަދު ދީފިއެވެ.

އެމްއޭސީއެލް އިން ބުނީ، މި އެހީގެ މަގުސަދަކީ ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން އެއްކުރާ ޑޭޓާ މެނޭޖްކޮށް ބެލެހެއްޓުން ހަރުދަނާކުރުން ކަމަށެވެ. އެމްއޭސީއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ކުރިއަށް ގެންދާ މި ހަދިޔާއަކީ ސީއެސްއެމްއިން ކުރިއަށް ގެންދާ ކެންސަރު ސްކްރީން ކުރުމުގެ ޕްރޮގްރާމް ތަކަށް އެހީތެރިވުމުގެ ގޮތުން ދޭ ހަދިޔާއެއް ކަމަށާއި މިއީ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތެއް ކަމަށް އެމްއޭސީއެލުން ބުނެއެެވެ.

މިހާރު ކެންސަރުގެ ހުރިހާ ސްކްރީނިންއެއް ހަދަނީ ފިޒިކަލް ފޯމްތައް ބޭނުން ކޮށްގެން ކަމަށާއި ޑޭޓާ މެނޭޖް ކުރަނީ މެނުއަލްކޮށެވެ. އާ އެޕްލިކޭޝަން އުފެއްދުމުގެ ސަބަބުން މި މަސައްކަތަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށާއި، ހަރުދަނާ އަދި ސިއްރު ސްކްރީނިންތަކަށް މަގުފަހިވެގެންދާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. ހަރުދަނާ ފޮލޯއަޕްތަކާއި ބަލި މީހުން ބެލެހެއްޓުމަށް ބޭނުންވާ ރެކޯޑްތައް ހަރުދަނާ އަދި އެންމެ ފަހުގެ ރެކޯޑްތަކެއް ދެމެހެއްޓިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. މި ސްކްރީނިން އެޕްލިކޭޝަން މެދުވެރިކޮށް ސްކްރީނިން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ބައެއް ހާޑް ކޮޕީއާއެކު ކުރާ މުއާމަލާތްތައް މަދުވެ، ރިއަލް ޓައިމް އެނަލިސިސް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ދިރާސާތަކާއި ދިރާސާގެ ބޭނުމަށް ގިނަ އަދަދެއްގެ މައުލޫމާތު ލިބިގެންދާނެއެވެ.

އެމްއޭސީއެލް ކޯޕަރޭޓް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ނީނާ މަންސޫރަށް މި އެހީގެ ޗެކް ހަވާލުކޮށް ދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހުޖޫބް ޝުޖާއުއެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން މިހާތަނަށް ވަނީ އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ސާވިކަލް ކެންސަރު ފަދަ ތަފާތު ވައްތަރުގެ ކެންސަރަށް 20،900 އަށްވުރެ ގިނަ މީހުން ސްކްރީން ކޮށްފައެވެ. މިއަހަރު އެ ސޮސައިޓީން ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަރު ސްކްރީނިން ތައާރަފް ކުރަން ވަނީ ހަމަޖެހިފައެވެ.