ދައުވާތައް ކޮށްފައިވަނިކޮށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ނަމާދުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައި ވަނިކޮށް މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

އަލީ ވަހީދު ވިދާޅުވީ އެނބުރި ރާއްޖެ އާދެވުނީ 2 އަހަރާއި 5 މަސް ފަހުން ކަމަށާއި ރާއްޖެއިން ފުރައިގެން ދިޔަ ރޭ ހިތަށް އަރަމުންދިޔައީ ދެން ރާއްޖެ އަންނާނީ މަރުވުމުން މަސްގަނޑު ކަމަށެވެ. އަދި ހުރިހާ ކަމަކާއެކުވެސް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ނަމާދުގައި ހިފުމުން ކަމަށާއި ކުރިން ގަވާއިދުން ނަމާދެއް ނުކުރެވޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ހިތްވަރަކަށް ލިބުނީ ހަމަ ނަމާދުގަ ހިފުން. ކުރިން އަޅުގަނޑަށް ގަވާއިދަކުން ނަމާދެއް ނުކުރެވޭ. އެކަމަކު އެންމެ ގިނަ ނަސޭހަތްދިން މީހުން ދިން ނަސޭހަތަކީ ދުނިޔޭގަ ދިމާވާ ބޮޑު ކަންކަމުގައި ހަމަ ހެއްދެވި ފަރާތުގައި ވަކީލުކޮށްގެން ހުރުން"
އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ ފްރޭމްކުރީ ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން މައުސޫމް ބައެއް މުވައްޒަފުން ބޭނުން ހިފައިގެން ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށާއި އެހެންނަމަވެސް މާތް ﷲ އިރާދަފުޅުން އެ ތުހުމަތުގައި ޖަލަކަށް ނުލެވުނު ކަމަށެވެ. އަދި ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރަ ވެސް ކޮށްފައި ނުވާނެ ކަމަށް ތަކުރާރުކޮށް އަލީ ވަހީދު މިއަދުވެސް ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތްތަކާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ ފުރައިގެން ދިޔައިރު ހުންނެވީ ޖުމްހޫރީ ފާޓީގެ ރައީސް ކަމުގައި ނަމަވެސް އެ ޕާޓީގެ އަސާސީ ގަވާއިދަށް ގެނައި ބަދަލާއެކު އެ މަގާމު މިހާރު ވަނީ ގެއްލިފައި ކަމަށެވެ. އަދި އޭގެފަހުން ސިޔާސީ މަސައްކަތެއް ނުކުރައްވާ ކަމަށާއި އީސީގައި އެހެން ޕާޓީއަކުން ގޯސް ފޯމެއް ނުލާނަމަ އަދިވެސް ޖޭޕީގެ އާންމު މެންބަރެއްގެ ގޮތުގައި އިންނާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ނިއުރޭޑިއަންޓާ ސްޕޯސް ކްލަބާ ހަވާލުވެ ކުރެއްވި މަސްކަތްތައް ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ފުޓްބޯޅާގައި ކުރަން ނިންމާ ކަމެއް މި މަހުގެ 20 ގައި ލޯންޗު ކުރާނެ ކަމަށާއި ހުރިހާ ނޫސްވެރިންނަށް ދައުވަތު ދޭނެ ކަމަށެވެ. އަދި އެ ދުވަހަކީ އަލީ ވަހީދުގެ އުފަންދުވަސް ކަމަށްވެސް ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ކުރި ފަހުން ބޭސްފަރުވާ އަށް ކަމަށް ބުނެ، މާޗު 9، 2021 ގައި އިނގިރޭސިވިލާތަށް އަލީ ވަހީދު ވަނީ ވަޑައިގެންފައެވެ. އެއަށްފަހު ޝަރީއަތަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓު ފޮނުވި ނަމަވެސް ރާއްޖެއަށް ވަޑައިގެންފައި ނުވާތީ އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭރު ވިދާޅުވިއެވެ. އަދި އެއަށްފަހު އިންޓަޕޯލް ރެޑްނޯޓިސް ނެރެ ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އަލީ ވަހީދު އެކަމަށް ވަނީ އިންކާރު ކުރައްވާފައެވެ.

މިދިޔަ މަހުގެ ތެރޭގައި ޕީޖީއިން ބުނީ ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވާލި ފަހުން މި މައްސަަލައިގައި ހެކިބަސް ދޭން ބުނި މީހުންނާއި އަނިޔާ ލިބުނު މީހުން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާން ކޮށް ފުލުހުންނަށާއި ޕީޖީއަށް ސިޓީ ފޮނުވާފައި ކަމަށެވެ.

ނަމަވެސް ޕީޖީން މި މައްސަލަަ ކުރިއަށް ގެންދިއުމަށް އަނިޔާލިބުނު މީހުންނާ ބައްދަލުކޮށް ވެސް ކަންކަން ސާފުކޮށްފައި ކަމަށް ޕީޖީން ބުނެއެވެ. އަދި މި މައްސަލައިގައި ހެކިންގެ ހެކިބަހާ ނުލައި ދައުވާތައް ސާބިތު ކުރެވޭނެ ގޮތެއް ނެތުމުން އަލީ ވަހީދަށް ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދިއުމަށް މި މަހުގެ 6 ވަނަ ދުވަހު ވަނީ ކަނޑައަޅާފައި ކަމަށް ޕީޖީއިން ބުނެއެވެ.

އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ހަރަކާތްތަކަށް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.