އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުނަންގަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމާފައި ވަނިކޮށް މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

އަލީ ވަހީދު ވަނީ ޓުވީޓާ މެދުވެރިކޮށް އަދި އިނގިރޭސިވިލާތުގައި ހުންނަވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މީގެ ކުރިން ފާޑުވިދާޅުވެފައެވެ. އަދި އަލީ ވަހީދު ވިދާޅުވީ ރެހެންދި ފްލެޓުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާއާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ކަމަށާއި ކަޅު ދަބަހުގައި ފައިސާ އުފުލި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ. އެ ފުޓޭޖް ބެލުމުން އަލީ ވަހީދު ދައްކަވާ ވާހަކައިގެ ހަގީގަތް އޮޅުން ފިލާނެ ކަމަށްވެސް އޭރު އަލީ ވަހީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލާގައި ދެތިން ހަތަރު މީހުންގެ "ބަންޑުފެޅުމަކީ" މާނައެއް އޮތް ކަމެއް ނޫން ކަމަށެވެ.

އިނގިރޭސިވިލާތައް އަލީ ވަހީދު ފުރާވަޑައިގެންނެވީންސުރެ އެ ގައުމުގައި ހުރެ ޕްރެސް ކޮންފަރެންސް ބޭއްވުމާ ހަމައަށް އޭނާ ފްރޭމް ކުރީ ކޮންބައެއް ކަމެއް ނޭނގޭ ކަމަށާއި އެކަން ކުރީ ޕީޕީއެމްއަކުން ނޫން ކަން ސާފުކޮށް އެނގޭ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެކަން ކުރީ ޖޭޕީއަކުން ނޫން ކަން ޔަގީންވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެ ދައުވާތަކާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެލައްވައިގެން އުޅުއްވާ ކަމަށާއި ރައީސް މައުމޫން އަވަސް އަވަހަށް ނޫސްބަޔާންތައް ނެރުއްވާ ކަމަށެވެ. އަދި އަލީ ވަހީދު ފްރޭމް ކުރުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެހެންނަމަވެސް ރައީސް ނަޝީދުގެ ކައިރީގައި އެފަދަ ބަޔަކު އުޅޭ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ފުރަތަމަ ޕްރެސް ކޮންފަރެސް ބާއްވަން އުޅުނު ދުވަހު އިނގިރޭސި ވިލާތުން ހައްޔަރުކުރުމަކީ ހައިރާންކުރުވަނިވި ކަމެއް ކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ ފަތިސް ނަމާދުކޮށްގެން ޓުވީޓުކުރިތާ އިރުކޮޅެއް ފަހުން އިނގިރޭސި ވިލާތުގެ އިމިގްރޭޝަން އޮފިސަރުން އައިސް ހީވީ ދޮރު ވައްޓާލަން އުޅުނު ހެން ކަމަށެވެ. އަދި ރޭވިގެން އަލީ ވަހީދު ނިޒާމުން ދުއްވާލަން މީގެ ފަހަތުގައި ތިބި ބަޔަކު ދިޔައީ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ރައީސް ސޯލިހު ނެންގެވި ކަމަށް އެ ދުވަހުގެ ޕްރެސްގައި ވިދާޅުވީ "ސްމޯކް ސްކްރީންއަކަށް" ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެ ދުވަހުގެ ފަހުން ހަމަލާދިނީ ކޮން ދިމާލަކުންކަން ޔަގީންވި ކަމަށާއި އެ ދުވަހު އެ ވާހަކަދެއްކެވީ ފަހަތުގައި ވިއްދާފައި ހުރީ ކޮން ހިޔަމައެއްތޯ ޔަގީންކުރަން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވަނީ ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައި ވެސް އޮންނަ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހު 35 މިލިއަން ރުފިޔާ ނަންގަވަން ނުޖެހޭނެ ކަމަށާއި އެމަނިކުފާނަކީ އެއަށްވުރެ ލިބިލައްވާ ބޭފުޅެއް ކަމަށާއި ﷲ ގެ ނަންފުޅު ބޭނުންކޮށް އޭރު އެފަދައިން ވިދާޅުވީ ހަނގުރާމައިގެ މައިދާުގައި ދޮގު ހަދައިގެންވެސް ނަސްރު ހޯދަން އޮންނާތީ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައި ވެސް އޮވޭ. ރައީސް ސޯލިހު 35 މިލިއަން ރުފިުޔާ ނަގާކަށް ނުޖެހޭނެ އެއަށްވުރެ ލިބޭ ބޭފުޅެއް އެއީ"
އަލީ ވަހީދު

އަލީ ވަހީދު ވަނީ އެ ހުރިހާ ކަމަކާއެކުވެސް ރައީސް ސޯލިހާއި ރައީސް ޔާމީނަށް ހިތްބަރު ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއަކީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ކުރި ފަހުން ބޭސްފަރުވާ އަށް ކަމަށް ބުނެ، މާޗު 9، 2021 ގައި އިނގިރޭސިވިލާތަށް އަލީ ވަހީދު ވަނީ ވަޑައިގެންފައެވެ. އެއަށްފަހު ޝަރީއަތަށް ހާޒިރުވުމަށް އަލީ ވަހީދަށް ޗިޓު ފޮނުވި ނަމަވެސް ރާއްޖެއަށް ވަޑައިގެންފައި ނުވާތީ އިންޓަޕޯލް ރެޑްނޯޓިސް ނެރެގެން ވެސް މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭރު ވިދާޅުވިއެވެ. އަދި އެއަށްފަހު އިންޓަޕޯލް ރެޑްނޯޓިސް ނެރެ ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އަލީ ވަހީދު އެކަމަށް ވަނީ އިންކާރު ކުރައްވާފައެވެ.

މިދިޔަ މަހުގެ ތެރޭގައި ޕީޖީއިން ބުނީ ކްރިމިނަލް ކޯޓުގައި އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް ބޭރުކޮށްލައި އަނބުރާ ޕީޖީ އޮފީހަށް އެ މައްސަލަ ފޮނުވާލި ފަހުން މި މައްސަަލައިގައި ހެކިބަސް ދޭން ބުނި މީހުންނާއި އަނިޔާ ލިބުނު މީހުން ވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާން ކޮށް ފުލުހުންނަށާއި ޕީޖީއަށް ސިޓީ ފޮނުވާފައި ކަމަށެވެ.

ނަމަވެސް ޕީޖީން މި މައްސަލަަ ކުރިއަށް ގެންދިއުމަށް އަނިޔާލިބުނު މީހުންނާ ބައްދަލުކޮށް ވެސް ކަންކަން ސާފުކޮށްފައި ކަމަށް ޕީޖީން ބުނެއެވެ. އަދި މި މައްސަލައިގައި ހެކިންގެ ހެކިބަހާ ނުލައި ދައުވާތައް ސާބިތު ކުރެވޭނެ ގޮތެއް ނެތުމުން އަލީ ވަހީދަށް ކޮށްފައިވާ ދައުވާތައް ކުރިއަށް ނުގެންދިއުމަށް މި މަހުގެ 6 ވަނަ ދުވަހު ވަނީ ކަނޑައަޅާފައި ކަމަށް ޕީޖީއިން ބުނެއެވެ.

އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ހަރަކާތްތަކަށް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.