ވ. އާރަށް ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި ހުކުމުގެ އިސްތިއުނާގެ އަޑުއެހުންތައް ހައިކޯޓުގެ 2 ފަނޑިޔާރުންގެ ޗުއްޓީއާ ގުޅިގެން މަޑުޖެހިއްޖެއެވެ.
އިއްޔެ ބާއްވަން ތާވަލް ކުރި ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ އެ މައްސަލަ ބައްލަވާ އެއް ފަނޑިޔާރު ކަމަށްވާ ހުޒައިފާ މުހައްމަދު އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނެވުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ބައްލަވާ ފަނިޔާރު މުހައްމަދު ސަލީމް މި މަހުގެ 15ގައި ޗުއްޓީއަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ސަލީމް ޗުއްޓީއަށް ވަޑައިގެންފިނަމަ ހުޒައިފާ ހުންނެވި ނަމަވެސް މި މައްސަލައިގެ އަޑުއެހުން އަންނަ ހަފްތާގައި ވެސް ކުރިއަށް ނުގެންދެވޭނެއެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދެވޭނީ މައްސަލަ ބައްލަވާ 3 ފަނޑިޔާރުން ހާޒިރުގައެވެ.
ރައީސް ޔާމީންގެ އިސްތިއުނާފީ މި މައްސަލައިގެ އަޑުއެހުންތައް މަޑުޖެހުމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ މިއަދު ހައިކޯޓަށް ގޮސްފައެވެ. ހައިކޯޓުގެ އެއް ފަނޑިޔާރު އާއިލީ ޒިންމާގެ ޗުއްޓީގައި ހުންނެވި ކަމަށާއި އެ ފަނޑިޔާރު ނިކުންނެވިހާ އަވަހަކަށް އަޑުއެހުން ތާވަލް ކުރާނެ ކަމަށް ހައިކޯޓާ ހަވާލާދީ އެ ކޯލިޝަނުން ބުނެއެވެ.
އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ ހައިކޯޓަށް އިންތިހާއަށް އިތުބާރު ކުރާ ކަމަށާއި މި ދަނޑިވަޅުގައި އެކި ގޮތް ގޮތުން ހައިކޯޓަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތަކަށް ބަލާއިރު ސަރުކާރުން ނުފޫޒު ފޯރުވާކަން ވަރަށް ބޮޑަށް ސާފުކޮށް އެނގެން އޮތް ކަމަށާއި ޖޭއެސްސީ މެދުވެރިކޮށް ވެސް އެކި ކަހަލަ ނުފޫޒުތައް ފޯރުވަމުންދާ ކަން އެނގޭ ކަމަށެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.
މިހާރު މިދާގޮތުން މުސްތަގުބަލުގައި ކޮންމެވެރިޔަކު މިނުބައި ޕްރެޒިޱެން ގާއިމުވުމުން ސަރުއީ ދާއިރާގެ މަސައްކަތް ހިގާނީ މިފަދައުން ހިތާމައިގެ ކޮޅެއްނެތްޖަސްޓިސް Justice Delayed is Justice Denied