ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފިއެވެ.

ޒަރީރަށް ހަމަލަދިނުމުގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ އިބްރާހީމް އަބްދުﷲ ހޯދުމަށް ފުލުހުން އިއުލާނު ކޮށްފައި ވަނީ މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ފުލުހުން ގައްބަރޭ ހޯދަން އިއުލާން ކޮށްފައި ވަނިކޮށް އޭނާ ވަނީ އަމިއްލަ އަށް ފުލުސް އޮފީހަށް ހާޒިރު ވެފައެވެ.

ކެފޭއެއްގެ ތެރޭގައި މެންބަރު ޒަރީރަށް ހަމަލާދިން މައްސަލާގައި ގައްބަރޭ ހައްޔަރުކޮށް، އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައި ވަނީ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް ކޯޓުން ފަހުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ބަންދުން ދޫކޮށްލާފައެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހަތިޔާރަކުން ހަމަލާދިންކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުގައި ހުއްޓައި 6 ޖުލައި 2023 ގައި އިބްރާހިމް އަބްދުﷲ ބަންދުން ދޫކޮށްލި މައްސަލަ 9 ޖުލައި 2023 ގައި ދިވެހިރާޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.

ހަބީބީ ކެފޭގައި ރައްޓެހިންތަކަކާ އެކީގައި މެންބަރު ޒަރީރު އިންނަވަނިކޮށް، ފަސް މީހުންގެ ގްރޫޕަކުން އެ ކެެފޭއަށް ވަދެ ޒަރީރަށް ހަމަލަދީފައި ވަނީ މެއި މަހުގެ ފުރަތަމަ ދުވަހުގައެވެ. ފުލުހުން އޭރު ބުނީ، ޒަރީރަށް ހަމަލަ ދިނީ ނުރައްކާތެރި ހަތިޔާރަކުން ކަން ބެލެވޭ އެއްޗަކުން ކަމަށާއި އެ ހަމަލައާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ޒަރީރު ފަރުވާ ހޯއްދަވާފައި ވާ ކަމަށެވެ.

ކުށުގެ ރެކޯޑު އޮންނަ ގައްބަރޭ ވަނީ މީގެ ކުރިން މީހަކު މަރާލުމުގެ ތުހުމަތެއްގައި ހައްޔަރު ކޮށްފައެވެ. އެކަމުގައި ބައިވެރިވި ކަމަށް އޭނާ އެއްބަސްވި ނަމަވެސް، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ، ކޯޓުން އެ ފަހަރު ވެސް ވަނީ ދޫކޮށްލާފައެވެ.