ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އަންނަ ބުރާސްފަތި ދުވަހުގެރޭ "ދަ ޑިމޮކްރެޓްސް" އާ ގުޅިވަޑައިގަންނަވާނެ ކަމަށް، އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން ވަކިވެ، ނަޝީދުގެ އަރިސް މެންބަރުން އިސްވެ އުފައްދަވާ ޑިމޮކްރެޓްސް އަށް ނަޝީދު ސޮއިކުރައްވާ ޖަލްސާ، މި ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށާއި، ޑިމޮކްރެޓްސް އަށް ވަންނަން ބޭނުންވާ އާންމުންނަށް ވެސް އެ ފުރުސަތު އެ ރޭ އޮންނާނެ ކަމަށް، އެ ޕާޓީން ބުންޏެވެ.

މިކަމާ ގުޅިގެން "ސަންގު ޓީވީ"ގެ "ޚަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ނަޝީދު ސޮއިކުރައްވާ ޖަލްސާގައި ގިނަ މެންބަރުންތަކެއް އެ ޕާޓީ އަށް ސޮއިކުރާނެ ކަމަށާއި، "ފާހަގަކުރެވޭ މޫނުތަކެއް" ވެސް ޕާޓީ އަށް ސޮއިކުރައްވާނެ ކަމަށެވެ. ބެލެވޭ ގޮތުގައި އޭގެ ތެރޭގައި ދާދިފަހުން އެމްޑީޕީ ދޫކުރެއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހިމެނެއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި، ނަޝީދު ވަނީ ޑިމޮކްރެޓްސް އަށް ސޮއިކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފައެވެ.

މިދިޔަ ޖޫން މަހުގެ 21 ގައި އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަން ހާމަކުރައްވައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގަތީ މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި، އެ ޕާޓީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާތީ ކަމަށެވެ.

17 އަހަރު އެމްޑީޕީގައި ހުންނެވުމަށް ފަހު ވަކިވެވަޑައިގަތް ނަޝީދު އެންމެ ފަހުން ހުންނެވީ އެ ޕާޓީގެ ރައީސްގެ ގޮތުގައެވެ. މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި ނަޝީދަކީ ގާނޫނުއަސާސީ އިސްލާހުކުރެވުނު ފަހުން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައި ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސެވެ.