ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ދެއްވި ދައުވަތަކަށް މިއަދު ޝާހިދު އިންޑިއާގެ ނިއުދެއްލީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރަސްމީ މި ދަތުރުގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ އާއި އަދި އަންނަ ބުދަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ.
މި ދަތުރުގައި ރާއްޖެއާއި އިންޑިޔާއާ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުމާ ބެހޭ ގޮތުން ދެގައުމުގެ ހާރިޖީ ވަޒީރުންގެ މެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގައި މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ މަޝްރޫއުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު ޝާހިދުގެ މި ދަތުރުގައި އިންޑިއާގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލު ކުރައްވާނެ ކަމަށާއި މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެއެވެ. މީގެ އިތުރަށް އިންޑިއަން ކައުންސިލް ފޯ ވޯލްޑް އެފެއާޒްގައި ބާއްވާ 43 ވަނަ ސަޕްރޫ ހައުސް ލެކްޗާ (އެސްއެޗްއެލް) މިނިސްޓަރު ޝާހިދު ވާހަކަ ދައްކެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިނިސްޓަރު ޝާހިދު އަދި އިންޑިއާގެ މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު މިދިޔަ މާޗު މަހުގެ 4 ވަނަ ދުވަހު ވެސް ވަނީ ބައްދަލުކުރައްވާފައެވެ.