އެމްޑީޕީގެ އޮޑި ނުފެތޭނެ ކަމަށާއި އަދި އަޒުމެއް ވެސް ނުގުޑާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ފެއްޓުމަށް ފޯކައިދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، "އަމާން ރާއްޖެ" އަކަށް އެމްޑީޕީން ފެށި ދަތުރުގައި ހުރިހާ އެންމެން ވެސް ތިބީ ވަރަށް ގަދަކޮށް ކަމަށާއި އޮޑި އޮތީ ވާދަވެރިންނަށް އަރާ ހަމަނުކުރެވޭނެ ވަރުގެ ވަރުގަދަ އިންޖީނު އަޅާލާފައި ކަމަށެވެ.

މިއީ ރައްޔިތުންނަށް ހަމަ ނޭވާލާނެ ފުރުސަތު ހޯދައިދިން ފަސް އަހަރު ކަމަށާއި ދެން ނައްޓާލަނީ "އަމާން ރާއްޖެއެއް" ކަށަވަރު ކުރުމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

މިފަހަރު މި ދަތުރުގެ ތަފާތަކީ އަޅުގަނޑުމެން މި ތިބީ ވަރަށް ވަރަށް ވަރަށް ގަދަކޮށް، އަޅުގަނޑުމެންގެ އޮޑިއަށް ވަނީ ކޮއްތާއި ތެލާއި ފެނާ އަރުވާ ބަރުކޮށްލާފައި، ވާދަވެރިންނަށް އަރާ ހަމަނުކުރެވޭނެ ވަރުގެ ބާރު އިންޖީނު އަޅާލާފައިމިވަނީ،
ފައްޔާޒު

ފައްޔާޒް އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި އެންމެ ތަންފުކެއް ވެސް ދޫނުކުރައްވާނެ ކަމަށާ، އަލުން އަނިޔާވެރިކަން އިޔާދަވާނެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދާދި އަވަހަށް އުފާވެރި އަމާން ރާއްޖެއަކަށް ބަނދަރު ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ދުނިޔެ ކުރިން ނުދެކޭ ފަދަ އާލަމީ ވަބާއެއްގެ ތެރޭގައިވެސް ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވިޔަ ނުދީ އެއް މިންގަނޑެއްގައި ހިފަހެއްޓުނުކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ހުރިހާ ރޮނގަކުން ބަލައިލިޔަސް، އެއީ އިޖުތިމާއީ ގޮތުން ނުވަތަ އިޤުތިޞާދީ ގޮތުން ވިޔަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެޅިފައިވާ ބިންގާތަކަކީ، ރާއްޖެ އުދުހިގަތުމަށް އެތައް ޒަމާނަކުން އެތައް ބަޔަކަށް ނުކުރެވި ހުރި ކަންކަން،
ފައްޔާޒު

ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ބިންގާތައް އަޅާފައިވާ ކަމަށާއި އަދި ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް ދެކެފައިނުވާ ތަރައްގީ ރައީސް ސޯލިހު ގެނެސްދެއްވާފައި ވާ ކަމަށެވެ. އަދި ހުރިހާ ރޮނގަކުންވެސް މި ވެރިކަމުގައި ގާއިމު ކުރެވިފައިވާ ތަރައްގީގެ ބިންގާތަކަކީ ރާއްޖެ އުދުހިގަތުމަށް، ފާއިތުވި ތަނުގައި އެތައް ބަޔަކަށް ނުކުރެވި ހުރި މުހިއްމު ގިނަ ކަންތައްތަކެއް ކަމަށް ފައްޔާޒު ފާހަގަ ކުރެއްވިއެވެ.