ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަށްރަށުގައްޔާއި ރާއްޖޭން ބޭރުގައި ޖުމްލަ 604 ވޯޓުފޮށި ބަހައްޓާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފިއެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިރޭ ވިދާޅުވީ، ޖުމްލަ 604 ވޯޓުފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށާއި، ރީރެޖިސްޓްރޭޝަނަށް ފަހު ފޮށިތަކުގެ އަދަދުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.

ހަބީބް އާންމުކުރެއްވި ތަފްސީލުގައިވާ ގޮތުން:

  • މާލޭގައި 138 ފޮށި
  • ހުޅުމާލެ ފޭސް 1 ގައި 22 ފޮށި
  • ހުޅުމާލެ ފޭސް 2 ގައި 17 ފޮށި
  • ވިލިމާލޭގައި 10 ފޮށި
  • ރަށްރަށުގައި 319 ފޮށި
  • ރިސޯޓުތަކުގައި 78 ފޮށި
  • މާފުށީ ޖަލުގައި ދެ ފޮށި
  • އައްސޭރި ޖަލާއި، ހުޅުމާލެ ޖަލާއި، ދޫނިދޫ، ކޮންމެ ތަނެއްގައި އެއް ފޮށި
  • ސިނާއީ ކޮންމެ ރަށެއްގައި (ހުޅުލެ، ތިލަފުށި) އެއް ފޮށި
  • އިންޑިޔާގެ ޓްރިވެންޑްރަމާއި ދިއްލީ، ކޮންމެ ސިޓީއެއްގައި އެއް ފޮށި
  • މެލޭޝިއާގެ ކުއަލާލަމްޕޫރުގައި ދެ ފޮށި
  • ސިންގަޕޫރާއި، އަބޫދާބީ އާއި، ލަންޑަނާއި ބެންކޮކާއި ޓޯކިޔޯ، ކޮންމެ ސިޓީއެއްގައި އެއް ފޮށި
  • ސްރީލަންކާގެ ކޮލަމްބޯގައި ހަތަރު ފޮށި

އޭގެ އިތުރުން އޭނާ ވިދާޅުވި ގޮތުގައި، ވޯޓުފޮށީގެ ނަންބަރާއި ކޯޑާއި ނަމާއި ސަރަހައްދާއި ފޮށި ބަހައްޓާ ތަންތަނުގެ ތަފްސީލު މިރޭ އިއުލާނުކުރާނެއެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލުމަށް ރީރެޖިސްޓްރޭޝަނަށް މި ފެށޭ ޖުލައި މަހުގެ 16 އިން އޮގަސްޓު މަހުގެ 5 އަށް ހުޅުވާލާނެ ކަމަށް ހަބީބް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 11 އިން 22 އަށް ހުޅުވާލައިފައެވެ. އެ ފުރުސަތުގައި 551 ޝަކުވާ އިލެކްޝަންސް އަށް ލިބިފައިވާއިރު، އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަރުވެފައިވާ މީހުން ލިސްޓުގައި ހިމެނިގެން 465 ޝަކުވާއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،672 މީހުންނަށް ލިބިގެންވާ ކަމަށް، އިލެކްޝަންސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.