ސަރުކާރުންދޭ ހިދުމަތްތައް ފަސޭހަކަމާއެކު ޑިޖިޓަލްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގާއިމްކުރާ "ވަންގަވް" ޕްލެޓްފޯމް މިއަފު ތައާރަފް ކުރަން ހަމަޖެހިއްޖެއެވެ.

މިއަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ، ސަރުކާރުން ހޯދާ ހިދުމަތް ލިބުމުގައި ރައްޔިތުންނަށް އޮތް ތަކުލީފ؛ ކިޔުގައި ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބެއް ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވަން-ގަވް ނަމުގައި ތައާރަފްކުރާ ހިދުމަތަކީ ސަރުކާރުން ގެނެސްދޭ ޒަމާނީ ހައްލު ކަމަށެވެ.

އޭރު މި ހިދުމަތް މާޗް މަހު ލޯންޗުކުރަން ހަމަޖެހިފައިވާ ކަަމަށް ރައީސް ވިދާޅުވި ނަމަވެސް ޖުލައި މަހަށް ލަސްވީ ސަބަބު އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައި ވަނީ ވަންގަވް ލޯންޗުވުމާ އެކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިތުރުން ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ހިދުމަތް މުޅިން އޮންލައިން ވާނެ ކަަމަށެވެ. މީގެއިތުރަށް މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކެއް ގާއިމް ކުރާނެ ކަމަށާއި އެތަނުން އޮންލައިންކޮށް ހިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ހިދުމަތްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހިދުމަތްތައް ތައާރަފްވުމާ އެކީ މުޅި ރާއްޖެ ޑިޖިޓަލް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މުޅި ރާއްޖެ ޑިޖިޓަލައިޒް ވުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ވެސް ކިއުގައި މަޑު ކުރަން ނުޖެހޭ ގޮތް ވަނީ ހަދާފައެވެ. އެގޮތުން މިހާރު ޕާސްޕޯޓަށް އެދި އޮންލައިކޮށް ހުށަހެޅޭ އިރު، ޑިޖިޓަލް އައިޑީކާޑް ވެސް ވަނީ ލޯންޗް ކޮށްފައެވެ.