ދަ ޑިމޮކްރެޓްސްގެ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް"ގެ ނަމުގައި މިރޭ ރަސްމީކޮށް ހުޅުވާނެ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

ދަ ޑިމޮކްރެޓްސްއިން ބުނީ ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތިން)ގައި ހުންނަ އެ ޕާޓީގެ ހަރުގެ ހުޅުވުން މިރޭ 8:30ގައި އޮންނާނެ ކަމަށެވެެ. އަދި އެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަ ދައްކަވާނެ ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީއިން ވަކިވެވަޑައިގެންފައިވާއިރު އެމަނިކުފާނު ވަނީ ދަ ޑިމޮކްރެޓްސް އުފައްދަން ބޭއްވި ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންފައެވެ. ދަ ޑިމޮކްރެޓްސް އެފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމުން އެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ދަ ޑިމޮކްރެޓްސް އަކީ ހިނގަމުން ދާ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރާ ހިޔާލުތަފާތު ވެ އޭގެ ތެރެއިން ވަކިވި ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ހަރަކާތްތެރިވާ ޕާޓީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތް ވާ ރައްްޔިތުންގެ މަޖިލީހުގެ 14 މެންބަރަކު ޕާޓީން ވަކިވެފައިވާ އިރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ވަނީ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.

ޕީޕީއެމް އަދި ޑިމޮކްރެޓްސްއިން އެއް އިއްތިހާދެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫން ގޮތެއް ހޯދުމަށް މަސައްކަތް ކުރުމުން ދިޔަ ނަމަވެސް އެ 2 ޕާޓީއިން ކޯލިޝަންއެއް ހަދާފައެއް ނުވެއެވެ.