ރައީސް އިބްރާހީމް މުހައްމަދު ސޯލިހު "އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023" ހުޅުއްވައިދެއްވައިފިއެވެ.

އިއްޔެ ހަވީރު ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ފައްޓަވައިދެއްވި މި މުބާރާތަކީ އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަންގެ އޭޝިއަން ސާރފިން ފެޑެރޭޝަނާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ސާފިން އެސޯސިއޭޝަން ގުޅިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މުބާރާތެކެވެ.

އެ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން އޭޝިއާ ސާފިން ފެޑެރޭޝަންގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މުބާރާތް ހުޅުވައިދެއްވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވަނީ މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ކާމިޔާބީއަށް އެދި ވަޑައިގެންނެވިއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއަން ފެޑެރޭޝަންގެ ފަރާތުން ވަނީ ރައީސް ސޯލިހަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގެ ތެރެއިން ކުރިޔަށް ގެންދިޔަ "ސޭންޑް ސެރަމަނީ" ހަރަކާތުގައި މުބާރާތުގައި ބައިވެރިވާ ގައުމުތަކުގެ އެތްލީޓުން ވަނީ ބައިވެރިވެފައެވެ.

ސޭންޑް ސެރަމަނީ ހަރަކާތް ރަމްޒުކޮށްދެނީ އެތުލީޓުން ތަފާތު ސަގާފަތްތަކާއި އާދަކާދަތަކަށް ނިސްބަތްވި ނަމަވެސް އެތުލީޓުންގެ މެދުގައި އޮންނަ ކުޅިވަރުގެ ރޫހާއި އެއްބައިވަންތަކަމެވެ.

"އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2023" ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެ މުބާރާތަށް ތައްޔާރުކުރެވިފައިވާ ތަންތަން ބައްލަވާލައްވާފައެވެ.

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްއަކީ 2004 ވަނަ އަހަރުން ފެށިގެން އޭޝިއާގެ ހުރިހާ ގައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އޭޝިއާގެ އެންމެ ބޮޑު ރާޅާއެޅުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ 18 ގައުމަކުން ވަނީ ބައިވެރިވެފައެވެ.