ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ދޮރުން ދޮރަށް ކެމްޕެއިން ނިންމާލާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ހޯއްދެވުމަށްޓަކައި ދޮރުން ދޮރަށް ހިންގުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި މުޅި ރާއްޖެ ކަވާ ކުރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކެމްޕެއިން ޓީމުތަކުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި މި އިންތިހާބު ރައީސް ޔާމީން ފުރަތަމަ ބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދާއިރު ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާ އެކު، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު ހަނިވެފައިވީ ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.