ދިވެހިރާއްޖެއާއި އަޒަރުބައިޖާންގެ ހާރިޖީ ވުޒާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދު ވެވުނު މި އެއްބަސްވުމުގެ މަގުސަދަކީ ދެ ގައުމުގެ ދެމެދު އޮތް ގުޅުން މިހާރަށް ވުރެ އިތުރަށް ބަދަހިކޮށް، އިތުރަށް ފުޅާކޮށް، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ހުރިހާ މަރުހަލާއެއްގައި ވެސް އެއްބާރުލުން ދީ ގަވާއިދުން މަޝްވަރާ ކުރުމަށް މަގުފަހިކޮށް ދިނުން ކަމަށެވެ.

މީގެ އިތުރުން ހާރިޖީ ދާއިރާއިން ޑިޕްލޮމެޓުން ތަމްރީނު ކުރުމުގައި ވެސް އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއާއި އަޒަރުބައިޖާންއާ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަޒަރުބައިޖާންގެ ބާކޫގައި މިހާރު ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް، ނާމްގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ހަވާސާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި އަޒަރުބައިޖާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު އެލްނޫރު މަމަޑޯވްއެވެ.