އެމްއެންޕީގެ ވެރިކަމެއްގައި ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވޭނެ ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށް އެޕާޓީގެ ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، "އުޖާލާ ޒަމާން" ކެމްޕެއިންގެ ދަށުން ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ، އެނާގެ ތައުލީމީ ސިޔާސަތަކީ ނާސަރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވައި ދިނުން ކަމަށާއި އެކަމަށް ރައްޔިތުންގެ އަތުން ބޮޑު ހަރަދެއް ހޭދަކުރަން ނުޖެހޭ ގޮތް ހެދުން ކަމަށެވެ.

އަޅުގަނޑުގެ ތައުލީމުގެ ސިޔާސަތަކީ ނާސަރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވާދިނުން. ޔަގީން ކުރައްވާ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމެއްގައި ތިބޭފުޅުންގެ އަތުން އެންމެ ބޮޑު ލާރިއެއްވެސް ތިބޭފުޅުންގެ ކިޔެވުމަށް ހޭދަ ކުރާކަަށް ނުޖެހޭނެ.
ނާޒިމް

އެމްއެންޕީގެ ސަރުކާރުގެ ސިޔާސުތައް ވަރަށް ތަފާތުވާނެ ކަމަށާއި ބޭނުން ވަނީ ރައްޔިތުންނާ ވަރަށް ގާތުން، ރައްޔިތުންނަށް ލާބަ އާއި މަންފޭ ލިބޭ ވެރިކަމެއް ކުރުން ކަމަށް ނާޒިމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ތައުލީމީ ފުރުސަތުތައް ފުޅާކޮށް، ފަހިކޮށް ދިނުމަކީ ވަަރަށް މުހިއްމު، ބޮޑު ސިޔާތަކަށް ވާނެ ކަމަށް ނާޒިމު ވިދާޅުވިއެވެ.

އަޅުގަނޑުމެންނާއި، މި ސަރުކާރާއި އޮތް ތަފާތަކީ މޮޅާއި ދެރަ ތަފާތުގެ ސިޔާސަތު، މި ސަރުކާރުގެ ސިޔާސަތަކީ ބޭސްވެސް މޮޅެތި ގައުމުތަކުން ކުރެވޭނީ މޮޅުމީހާ، ތައުލީމުވެސް ލިބޭނީ ހަމައެކަނި ކޮލެޖްތަކުގައި، ހަަމައެކަނި ބިންވެރިވެގެންވެސް މި ދަނީ ވަކިވަކި ރަށްރަށުގައި އުފަންވީމަ
ނާޒިމް

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރާއި ފަންނު ވެސް މި ސިޔާސަތުގެ ދަށުން ހޯދައިދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވެސް ފާޑުފިދާޅުވެ، ހިލޭ ގޯތި ދޭ އުސޫލަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށާއި އެ މަޝްރޫއު ހިންގަނީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ވޯޓު ހޯދަން ކަމަށް ވިދާޅުވެ ރައްޔިތުން ހޭ އަރަ ތިބުމަށް ގޮވާލައްވާއެވެ. އޭނާ ވަނީ އެ މަޝްރޫއުގައި ހުރި ހަމަނުޖެއްސޭނެ ބައެއް ވާހަކަތައް ވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ބިން ހިއްކަން ދާ ބޮޑު ހަރަދާއި، އެ ބިމުގައި ބަޔަކު އާބާދު ކުރުމަށް ހިނގާނެ ދިގު މުއްދަތު އޮއްވައި އެތަންތަނުން އާންމުންނަށް ލިބޭ ގޯތި ތަރައްގީ ކުރަން ބޮޑެތި ވިޔަފާރިތަކުން އަތުލުމުން އަނެއްކާވެސް ދިވެހިން އަޅުވެތިވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އޭނާ ވަނީ، އޭނަގެ ތަސްވުރުގައި ބޮޑުތިލަދުންމައްޗަކީ، ރާއްޖޭގެ ތަރައްގީގެ ނާރެސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ. އިންޑިއާ ކަނޑު ހުރަސްކޮށް އެއްބިތުން އަނެއް ބިތަށް ދަތުރުކުރަ ވިޔަފާރީގެ ގާފިލަތައް ނުވަތަ ބޯޓުފަހަރުގެ އަދަދުތައް ވިދާޅުވެ ދެއްވައި އެއީ ހެޔޮގޮތުގައި ޕްލޭން ކުރެވި ރާވައިގެން ގެންދެވިއްޖެނަމަ ބޮޑުތިލަދުންމައްޗަށް ގެނެވޭނެ އިގްތިސޯދީ އިންގިލާބަކަށް ވާނެ އެއް ސިނާއަތް ކަމަށް ވިދާޅުވެއެވެ. އަދި ކައިރިން އޮތް އިހަވަންދިއްޕޮޅާއި އެ ސަރަހައްދުގެ ތަރައްގީގެ ތަސައްވުރެއް އޮތް ކަމަށް ވިދާޅުވެ އޭނާ ވަނީ ބޮދުތިލަތުންމައްޗަށް އުންމީދެއް ދެއްވާފައެވެ.

ރޭގެ ވާހަކައިގައި ވަކި ގައުމެއް ވިދާޅު ނުވެ ނާޒިމް ވަނީ، ބޭރުގެ ވަކި ގައުމަކަށް އަޅުވެތިވެގެން ތިބުން ނިމުމަކަށް ގެންނަވައި އޭނާގެ ސަރުކާރެއްގެ ހާރިޖީ ސިޔާސަތަކަށް ވާނީ ހުޅުވާލެވިފައިވާ ސިޔާސަތަކަށް ކަމަށް ވެސް ވިދާޅުވެފައެވެ.