އދ. ދިއްދޫ ބަނދަރުގެ ނެރުފައިކަށީގެ މައްސަލަ ހައްލު ނުވުމުން، އެ ރަށުގެ މީހުން މިއަދު ކައުންސިލް އިދާރާގައި އިހުތިޖާޖު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކައުންސިލުން ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ކަރުދާސް ބޯޑުތައް ހިފައިގެން އާންމުން ކައުންސިލް އިދާރާގައި ތިބެގެން އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އާންމުން ފާހަގަ ކުރަމުންދަނީ ބަނދަރުގެ ނެރު މިހާރު އޮތް ގޮތުން މޫސުން ގޯސް ދުވަސްވަރުގައި ފަޅު ތެރޭގައި އުޅަނދުފަހަރު އަޅާފައި ނުބޭއްވޭ ވަރަށް ފަޅު ތެރެ ވެސް ގަދަ ވަމުންދާކަމަށެވެ.

އެކަމުގެ ސަބަބުން މިއަދުވެސް ލޯންޗެއް ފަޅައިގެން ގޮސް ޑިންގީ އެއް ބަންޑުން ޖަހާލާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި އެ ޑިންގީ ފުން ކުރަން އުޅުނު އާންމު ބައެއް ރައްޔިތުންނަށްވެސް އެކިވަރުގެ ހާނިއްކަ ވެފައިވާ ކަމަށާއި ރައްޔިތުން އިހުތިޖާޖަށް ނުކުތުމުގެ މައިގަނޑު ސަބަބަކީވެސް އެއީ ކަމަށް ކައުންސިލުން ބުންޏެވެ.

މޫސުން ގޯސްވެ ބަންޑުން ޖަހާލި ޑިންގީ

ކައުންސިލުން ބުނީ ނެރު ފައިކަށީގެ މައްސަލަ އަކީ ރަށުގެ ރައްޔިތުންނަށް ދިމާވާ ވަރަށް ބޮޑު މައްސަލައެއް ކަމުން ސަރުކާރުގެ އިސް މެންބަރުންގެ އިތުރުން ރައީސް ސޯލިހުއާ ވެސް ދެ ފަހަރަށް ހިއްސާ ކޮށްފައިވާ މައްސަލައެއް ކަމަށެވެ. އަދި މި އަހަރު ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިއަހަރުގެ ބަޖެޓުގައި ހިމެނި ނަމަވެސް އެ ކަމުގެ އަމަލީ މަސައްކަތް ނުފަށާތީ ކައުންސިލުންވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.

އާންމުން ކައުންސިލް އިދާރާއިން ނުކުންނަން ދެކޮޅު ހެދުމާއެކު ރަށުގައި ހަރަކާތްތެރިވާ ފުލުހުންގެ އިތުރުން އެ އަތޮޅު މާމިގިލިން އިތުރު ފުލުހުން އައިސް ކައުންސިލްގެ އިދާރާއިން މިހާރު ރައްޔިތުން ހުސްކޮށްފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ. ދިއްދޫ ބަނދަރަކީ ދައުލަތުގެ ބަޖެޓުން 21 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2021 ވަނަ އަހަރު ހެދި ބަނދަރެކެވެ.