މާލޭން ފުރައިގެން އަށް ފަޅުވެރިންނާ އެކު އދ. މަހިބަދޫ އަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

ސީދާ ވަގުތު ހާމަނުކުރި ނަމަވެސް، ފުލުހުން ބުނީ، މާލޭން ފުރައިގެން މަހިބަދޫ އަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށްވާ "ރިކާޑޯ،" އަލިހުރަސް ކަނޑުން އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

"ރިކާޑޯ" އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުމުން އދ. އަތޮޅުގެ ފުލުހުންގެ ލޯންޗަކުން އެ ސަރަހައްދަށް ގޮސް، އެ ދޯނީގައި ތިބި 8 ފަޅުވެރިން ލޯންޗަށް ނަގާފައިވާ ކަމަށާއި، އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، މިހާރު އަށް ފަޅުވެރިންނާ އެކު މިސްރާބު ޖަހާފައި ވަނީ މަހިބަދޫ އަށެވެ.

މި ހާދިސާގައި ގެއްލުންވި "ރިކާޑޯ" ދޯނި ވަނީ އެއްކޮށް އަޑިއަށް ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، މާލެ އާ 47 ކިލޯމީޓަރު އުތުރުން 39 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ ބެޓެރި ގޮވައި، ހަ މީހަކަށް އެކިވަރުގެ އަނިޔާ ވަނީ ވެފައެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވެފައި، އަދި ވިއްސާރައިގެ ސަބަބުން ކަނޑުގަދަވާނެތީ، ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.