ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ދައުލަތުން ބުނެފިއެވެ.

މި އިސްތިއުނާފުގެ މައްސަލާގައި ހައިކޯޓުން މިހާތަނަށް ހަތަރު އަޑުއެހުމެއް ވަނީ ބާއްވާފައެވެ. މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުން ޖަވާބު ދިނުމާއި ޔާމީންގެ ފަރާތްޕުޅުން ރައްދު ދިނުމެވެ.

ޖަވާބު ދެމުން ދައުލަތުން ބުނީ، ކުށް ސާބިތުކުރަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަންގެ (އެމްއެމްޕީއާރުސީ) ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތު ހެކިންގެ ގޮތުގައި ހުށަހެޅީ މައްސަލާގެ ބާވަތުންނާއި އަދި އެހެން ގައުމުތަކުން ވެސް ކުރާ ކަމަަށްވާތީ ކަމަށެވެ. އޭގެ ސަބަބަކީ ކޮރަޕްޝަން ފަދަ ކުށްތަކަކީ މަދު ބަޔަކު ބައިވެރިވެގެން ސިއްރުވެރިކަމުގައި ކުރާ ކުށްތަކެއް ކަމަށް ބުނެ، އޭގެ މިސާލެއްގެ ގޮތުން ބްރެޒިލްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއްގައި އަމަލުކުރި ގޮތް ދައުލަތުން ފާހަގަ ކުރެއްވިއެވެ.

ދައުލަތުން ބުނިގޮތުގައި އަދީބާއި ޒިޔަތުގެ ހެކިބަސް ނެތަސް، ކުށް ސާބިތު ކުރެވޭނެ އެހެން ހެކިތައް ވެސް އެބަހުއްޓެވެ. އެގޮތުން ޔޫސުފް ނައީމާއި ޔާމީނާ ދެމެދު އޮތް ގުޅުމާއި ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އާރަށް ބަދަލު ކުރުމާއި އަދި ރަށުގެ އެއްބަސްވުމުގައި ސޮއި ކުރުމާއެކު ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވިކަން ދައުލަތުން ފާހަގަކޮށް، އެއީ ޔާމީންގެ އާމްދަނީއާ ނުބައްދަލު އަދަދެއްގެ ފައިސާ ކަމަށް ދައުލަތުން ބުނެއެވެ.

ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ފަރާތްޕުޅުން ބުނެފައި ވިޔަސް، އެކަން ސާބިތުކޮށް ދެވިފައި ނުވާ ކަމަށް ދައުލަތުން ބުނެއެވެ. އަދި މިއީ ކުށްކޮށްގެން ހޯދި ފައިސާއެއް ކަން ދައުލަތުން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށް ދައުލަތުން ބުންޏެވެ.

މީގެ އިތުރުން ދަށު ކޯޓުން އިއްވި ހުކުމާއި ރިޕޯޓުގައި އޮތް ހުކުމާއި އަދި އަދަބު ތަފާތުވެފައި ނުވާކަމަށް ދައުލަތުން ބުނެއެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، އިސްތިއުނާފް ކުރާ ފަރާތުން ބުނާ ގޮތުގައި އެ ފަރާތުގެ ހައްގަކަށް އުނިކަން އަންނާނެ އެއްވެސް އަސާސެއް ނޭނގޭ ކަމަށް ދައުލަތުން ބުނެއެވެ. އިސްތިއުނާފް ކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބަލާއިރު، ދަށު ކޯޓުން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށާއި އެ ގޮތަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

ދައުލަތުން ޖަވާބު ދިނުމުން ޔާމީންގެ ފަރާތްޕުޅުން ރައްދު ދިނުމަށް ފުރުސަތު ވަނީ ދީފައެވެ. އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ޔާމީންގެ ވަކީލުން ބުނީ، ޔާމީން އެ މައްސަލައިގައި ނުފޫޒު ފޯރުވި ކަމަށް ބުނާ އިރު، އެމަނިކުފާނު ނުފޫޒު ފޯރުވި ގޮތް ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ. ނުފޫޒު ފޮރުވީ ކިހިނެއްތޯ އެއްސެމުވުން އަދީބުވެސް ވިދާޅުވެފައި ވަނީ ނުފޫޒު ފޯރުވީ ފޯނުން ގުޅައިގެން ކަމަށާއި ފޯން ކޯލަކުން ކަމަށެވެ. އެހެންކަމުން މުޅި މި މައްސަލައިގައި ދަށު ކޯޓުންނާއި ދައުލަތުން ޔާމީން ނުފޫޒު ފޯރުވިކަމަށް ބުނެފައި ވަނީ އެއްވެސް ފެކްޗުއަލް ކަމަކަށް ނޫން ކަމަށާއި އެއީ ތިއަރީއެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ޔާމީންގެ ވަކީލް ވިދާޅުވިއެވެ.

ރައްދުގައި ޔާމީންގެ ފަރާތުން ދައްކަވަން ހުރި ވާހަކަތައް އެއްކޮށް ނިންމާލެވިފައި ނުވާ އިރު، މިއަދުގެ އަޑުއެހުން ނިންމާލީ އަންނަ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ދެއްވާ ރައްދުތަކާއެކު ކުރިއަށް ގެންދާނެ ކަމަށް ބުނެއެވެ.

މި މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.