އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަހްމަދު ރިޒާ "ކްރިކް ރިޒާ" މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

މިއަދުގެ އަޑު އެހުން ވެސް ކެންސަލްކޮށްފައި ވަނީ ދައުވާ ލިބޭ ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. އޭނާ ބަލިވެ އުޅޭތީ މި މައްސަލައިގެ އަޑުއެހުން ކެންސަލް ކުރި މީ 4 ވަނަ ފަހަރެވެ. މިދިޔަ އާދީއްތަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމާއި މިދިޔަ މަހުގެ 19 ވަނަ އަދި 20 ވަނަ ދުވަހަށް ތާވަލް ކުރި އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފައެވެ.

މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ކޮށްފައި ވާއިރު ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތްވެސް ކުރިއަށް ދަނީ އެއް ގަޒިއްޔާއަކުންނެވެ.

އެ ޝަރީއަތުގައި ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ކުރިއަށް ދާއިރު، މިމައްސަލާގައި ދައުވާލިބޭ އެއް ފަރާތްކަމަށްވާ މއ. ކުރިކީލަހިޔާ އަހުމަދު ކުރިކް ރިޒާ ބަލިވެ އުޅޭތީ މިމަހު 19 އަދި 20 ވަނަ ދުވަހު އޮތް އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.

މިއަދުގެ އިތުރުން މި ހަފްތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުން ވަނީ މި މައްސަލައިގެ އަޑު އެހުމެއް ތާވަލް ކޮށްފައެވެ. މީގެއިތުރަށް އަންނަ ހަފްތާގެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ވެސް މި މައްސަލައިގެ އަޑު އެހުންތައް ބޭއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ތާވަލު ކޮށްފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އަވަހަށް މައްސަލަ ނިންމަން ދައުލަތުން އެދިފައިވާނެ ކަމަށާއި ޝަރީއަތްތައް ކުރިއަށް ގެންދަން ތާވަލުކުރީ ދިފާއީ ވަކީލުން ވެސް އެއްބަސްވެގެން ކަމަށެވެ.

އެކަމާ ގުޅިގެން ޔާމީންގެ ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވީ ޕީޖީ އެހެން ވިދާޅުވި ކަމުގައި ވިޔަސް ކްރިމިނަލް ކޯޓުން ފުއްގިރި މައްސަލަ މި މަހުގެ ފުރަތަމަ ހަފްތާ އާއި ދެވަނަ ހަފްތާއަށް، ހަފްތާއަކު ތިން ދުވަހަށް ތާވަލު ކޮށްފައި ވަނީ ވަކީލުންނާ މަޝްވަރާ ކޮށްފައި ނޫން ކަމަށެވެ.

މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ. އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ. މި މައްސަލައިގެ އިސްތިއުނާގެ އަޑުއެހުންތައް އީދު ބަންދަށް ފަހު ހުޅުވޭ ހަފްތާގައި އޮންނާނެ ކަމަށް ހައި ކޯޓުން ވަނީ ބުނެފައެވެ. މި މައްސަލައިގައި މީގެ ކުރިން ޔާމީން ވަނީ މި މައްސަލައަކީ އިސްތިއުނާފުގެ މައްސަލައަކަށް ވާތީ މި މައްސަލަ އަވަސްކޮށް އަދި ވަގުތު ދިގުލައިގެންދާ ގޮތަށް ކުރިއަށް ގެންގޮސް ދެއްވުން ނިހާޔަތަށް އެދޭ ކަމަށް ވިދާޅުވެފައެވެ.