މާލެއިން ފުރައިގެން ގދ. ދެއްވަދޫއަށް ދަތުރު ކުރަނިކޮށް ފަރަށް އެރި ދޯނި މިހާރު ފުންކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ދިވެއްސަކާއި ތިން ބިދޭސީން ދަތުރުކުރި މި ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ 7:00 ހާއިރު ކަމަށެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ގާޑް ސްކޮޑްރަންގެ ސިފައިން ވަނީ ދޯނި އޮތް ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެގޮތުން ހެނދުނުން ފެށިގެން ޕަންޕު ބޭނުންކޮށްގެން ދޯނިން ދިޔަ ހިއްކުމުގެ މަސައްކަތް ސިފައިން ކޮށްފައިވާ ކަމަށާއި އެ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ކަފު ޖަހައިގެން އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި ވެސް ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ސިފައިންނާއި ދޯނީގެ ފަޅުވެރިން ގުޅިގެން ކުރި މަސައްކަތުން ދޯނި ފުންކުރެވިފައިވަނީ މިއަދު މެންދުރު 12:00 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެވެ.

ދޯންޏަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް އަދި އެމްއެންޑީއެފަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހަތަރު މީހުންނާއެކު މާލެއިން ފުރައިގެން ގދ. ދެއްވަދޫއަށް ދަތުރުކުރި "ބަލްމާ-6" ނަަމަކަށް ކިޔާ މުދާ އުފުލާ އެ ދޯނި އަރާފައި ވަނީ ތ.ގާދިއްފުށީ ކައިރީ އޮންނަ ފަރަކަށެވެ.