ދާދިފަހުން މޮސްކޯއަށް ވަންނަން މަސައްކަތް ކުރި ހަތިޔާރުއެޅި ޖަމާއަތް، ވާގްނާ ޕީއެމްސީގެ 21،000 މީހުން މަރުވެ 80،000 މީހުން ޔޫކްރައިން ހަނގުރާމައިގައި ޒަހަމްވެފައި ވާ ކަމަށް ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވުން ފިޔަވައި އެ އަދަދުތަކުގެ ސައްހަކަން ދެނެގަނެވޭނެ ގޮތެއް ނެތް އިރު، ވާގްނާ އަކީ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އުފެއްދެވި ހަނގުރާމަވެރި ޖަމާއަތެކެވެ. އެ ޖަމާއަތުން ޔޫކްރައިންގެ އިރުމަތީ ބިތުގައި ހަނގުރާމަ ކުރަމުން ގެންދިޔައީ ޕުޓިންގެ ފަރާތުން ޔޫކްރައިންގެ ސިފައިންނާއެވެ. 2014 ގައި ރަޝިއާއިން ކްރިމިއާ ހިފި އިރު ހަތިޔާރު ދީ އެތަނުގައި ބާރުގަދަ ކުރުވި އެ ޖަމާއަތް ޔޫކްރައިންގެ އިތުމަރީ ބިތުގައި ވަރުގަދަ ހަނަގުރާމަ ކޮށްފައި ވެއެވެ. އަދި ޔޫކްރައިންގެ ބަކްމޫތު ފަދަ ސަހަރުތައް ހިފީ އެ ޖަމާއަތުންނެވެ. ނަމަވެސް އެ ޖަމާއަތުގެ ހަނގުރާމަވެރިން މަގާމުތައް ދޫކޮށް އެނބުރި ދަނިކޮށް ރަޝިއާ ސިފައިން މިސައިލް ހަމަލާ ދީ އެ ޖަމާއަތުގެ ހަނގުރާމަވެރިން ނައްތާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކޮށް އެ ޖަމާއަތުން ވަނީ މޮސްކޯއަށް އަރަން މަސައްކަތް ކޮށްފައެވެ.

ހުސްވި މަހުގެ ފަހުކޮޅު އެ ޖަމާއަތުގެ 25،000 އެއްހާ ސިފައިން ބަރުހަތިޔާރާއެކު ރަޝިއާގެ ރޮސްޓޯވް އަށް ވަދެ އެތަން ހިފާ، ރަޝިއާގެ 8 ޕައިލެޓުން މަރާލައި، ހަލުވި ކުރިއެރުމެއްގައި ގޮސް މޮސްކޯއާ 150 މޭލަށް ކައިރިވިއެވެ.

އެ ގްރޫޕުގެ ބޮސް މޮސްކޯއަށް ވަންނަން ދިޔައީ ރަޝިއާގެ އަސްކަރިއްޔާގެ ވެރިންގެ ދުވަސް ދުއްވާލައި ވެރިކަން ބަދަލު ކުރާނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ. ނަމަވެސް ރަޝިއާގެ މަދަދުވެރިޔާ ބެލަރޫސްގެ ރައީސް ވާގްނާއަށް ހިމާޔަތް ދެއްވުމުން، އެމީހުން ވަނީ މޮސްކޯއަށް ނުވަދެ ބެލަރޫސް އަށް ގޮސްފައެވެ.

މިހާދިސާ ގައި އެ ޖަމާއަތަކީ ހާއިނުން ކަމަށާއި އެއްވެސް މީހަކަށް މައާފު ނުދެއްވާނެ ކަމަށް ޕުޓިން ވިދާޅުވުމަށް ފަހު އެމީހުން މޮސްކޯ ދޫކޮށް ދިޔުމުން ވަނީ މައާފު ދެއްވާފައެވެ.

ޔޫކްރައިންގެ ވެރިރަށް ކީވް ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ ވާގްނާ އަކީ ޔޫކްރައިންގެ އިރުމަތީގައި ހަނގުރާމަ ކުރަމުން ދިޔަ އެންމެ ވަރުގަދަ އަމިއްލަ ޖަމާއަތް ކަމަށާއި އެމީހުންނަށް ލިބުނު ގެއްލުން ބޮޑު ކަމަށެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްވެސް ބައިވެރިވެ ވަޑައިގެންނެވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒެލެންސްކީ އިތުރަށް ވިދާޅުވީ، ވާގްނާ ގްރޫޕަށް ދިމާވި ޙާލަތުގެ ފުރިހަމަ ފައިދާ ޔޫކްރައިން އިން ނަގާނެ ކަމަށާއި، ރަޝިއާ ސިފައިން ފަހަތަށް ޖެއްސުމަށް އިސްތިރާޖީ އުކުޅުތައް ވަރުގަދަ ކުރައްވާނެ ކަމަށެވެ. އަދި ހުޅަނގުގެ މަދަދާއެކު ދުޝްމަނުން [ރަޝިއާ ސިފައިން] ފަހާލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ، އޭނާ އަވަހާރަވެދާނެތީ ބިރު ނުގަންނަ ކަމަށާއި، އޭނާ އަވަހާރަކޮށްލަން ބޭނުންވެގެން އުޅެނީ ރަޝިއާ މީހުން އެކަނި ކަމަށް ވާއިރު، ޕުޓިން އަވަހާރަ ކޮށްލަން ބޭނުންވެފައި ދުނިޔެ އޮތް ކަމަށެވެ.

މި ކަމުގެ އިތުރު ތަފްސީލު ނުދެއްވައި ހުޅަނގަށް އަމާޒު ކުރައްވައި އޭނާ ވިދާޅުވީ، ކޮންމެ މީޓަރެއް އަދި ކޮންމެ ކިލޯމީޓަރަކުން ފުރާނެއެއް ގެއްލޭ ކަމަށާއި ކުރާކަމެއް އަވަހަށް ކުރުމަށެވެ.