އެމްއެމްޕީއާރްސީ ގެ ބޮޑު ހިޔާނާތުގެ މައްސަލައިގާ އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެގެން މީގެ ކުރިން ހޯދަން އުޅުނު އަހްމަދު އިޝްފާހް އަލީއަށް ވެސް ގޯތި ލިބިފައިވާ ކަން ހާމަވެއްޖެއެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި އިޝްފާހް އަށް ގޯތި ލިބިފައި ވަނީ މ. ލޭންޑު އޮފް ގާޑަން އިން 3 މީހުން އެކުވެގެން ހުށަހަޅާފައިވާ ޖޮއިންޓް ފޯމުން 3 މީހުންގެ ޝަރުތު ހަމަވެ، ޖުމްލަ 74.67 ޕޮއިންޓް ލިބިގެންނެވެ.

އިޝްފާހްގެ އިތުރުން އެ މައްސަލާގައި ހިމެނޭ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުވެސް ގޯތި ލިބޭ ލިސްޓުގައި ހިމެނެއެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި 10 ބިދޭސީންގެ ނަން އޮތް ކަމަށް ބުނެ ވާހަކަތައް ދައުރުވި ނަމަވެސް އެ ލިސްޓުގައި އޮތީ 3 ބިދޭސީންގެ ނަން ކަމަށް ވިދާޅުވެ ދާއިމީ ލިސްޓް ނެރޭނީ އެކަންކަން ބަލާ ރަނގަޅު ކުރުމަށް ފަހުގައި ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެފައި ވެއެވެ.

މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގެ ރަށްވެހިކަން ހޯދާފައިވާ އިންޑިއާ މީހެއްގެ ނަން ގޯތި ލިބޭ މީހުންގެ ލިސްޓުގައި އޮތުމުން އެކަމާ ސުވާލު ކުރުމުން އަކްރަމް ވިދާޅުވެފައި ވަނީ އެކަން އެހެން ދިމާވީ ޑީއެންއާރުގެ މައްސަލައަކުން ކަމަށާއި އަންނަ މަހު ނެރޭ ދާއިމީ ލިސްޓުން އޭނާގެ ނަން އުނިކުރާނެ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކޮށް، މި މަހުގެ 15 ގެ ނިޔަލަށް ޝަކުވާ ހުށަހަޅަން ވަނީ ހުޅުވާލާފައެވެ. އެގޮތުން ޝަކުވާ ހުށަހެޅުމަށްޓަކައި "ގެދޮރުވެރިން" ޕޯޓަލް އަށް ވަދެ ޝަކުވާ ހުށަހެޅޭނެ ގޮތް ޕްލޭނިން މިނިސްޓްރީން ވަނީ ހަދައިފައެވެ.

ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާ ފުރުސަތު ހަމަވުމުން، ހުށަހެޅިފައިވާ ޝަކުވާތައް ބަލައި ލިސްޓު ރިވިއުކުރުމަށް ފަހު ދާއިމީ ލިސްޓު މާ ގިނަ ދުވަސްތަކެއް ނުވެ ނެރޭނެ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. ޝަކުވާތައް ރިވިއު ކުރުމަށް ފަހު ބިން ދޭނީ ކޮން ތަނަކުން ކަން ލިސްޓާ އެކު އާންމުކުރާނެ ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް، ދާއިމީ ލިސްޓު އާންމުކުރާނެ ސީދާ ތާރީހެއް ވިދާޅުވެފައެއް ނުވެއެވެ.