މިއަހަރު އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގްރޫޕުގެ ހަވާލުގައި ހައްޖަށް ގޮސް އުޅެނިކޮށް ނިޔާވި ރ. މާކުރަތު، މުހައްމަދު ނަސީމް އަލީ (72އ) ގެ ހަށިގަނޑު ފަތިސް ނަމާދަށް ފަހު ވަޅުލާން ނިންމައިފިއެވެ.

ހައްޖު ވިލޭރޭގެ ވަގުތެއްގައި މިނާއިން ގެއްލިގެން ހޯދަނިކޮށް އޭގެ ތިން ދުވަސް ފަހުން އިއްޔެ ރޭ ގެ ވަގުތެއްގައި ނަސީމް ފެނިފައިވަނީ ނިޔާވެފައި އޮއްވާ ހިރާ ފަރުބަދައާ ދިމާލުންނެވެ. އެއަށްފަހު ނަސީމްގެ ހަށިގަނޑު ވަޅުލުމަށް ކޮންމެ ނަމާދު ވަގުތެއްގެ ފަހުން މަސައްކަތް ކުރަމުންދާ ކަމަށް ގްރޫޕުން ބުނި ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައި ނުވާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ދަ ޕްރެސް" މައުލޫމާތު ދިން އާއިލާގެ މެންބަރަކު ބުނީ ހަރަމައިން ގްރޫޕުން ބުނަމުން ދިޔައީ އިއްޔެ ހުކުރު ނަމާދަށް ފަހު ނަސީމްގެ ހަށިގަނޑު ވަޅުލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އެހެންނަމަވެސް ހުކުރު ނަމާދަށް ފަހު ވަޅު ނުލެވި އަސުރު ނަމާދަށް ފަހު ވަޅުލެވޭތޯ ބަލަމުންދާ ކަމަށް މައުލޫމާތު ދިން ކަމަށެވެ. އަދި އަސުރު ނަމާދަށް ފަހު ވެސް ވަޅު ނުލާ ކަމަށާއި މަޣްރިބް ނަމާދަށް ފަހު ވަޅުލައިދެވޭތޯ ބަލައިދޭނެ ކަމަށް ބުނެ މަޣްރިބް ނަމާދުގެ ކުރިން ކުރި މެސެޖެއްގައި ހަށިގަނޑު ހަރަމަށް ގެންދަން ހޮސްޕިޓަލަށްދާ ވާހަކަ ބުނި ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.

މަޣްރިބު ނަމާދަށް ފަހު އަނެއްކާވެސް ލަސްވީ ކަމަށް ބުނެ ގްރޫޕުން މެސެޖު ކުރި ކަމަށާއި ރޭގައި ފުރަތަމަ ލަސްވި ސަބަބަކަށް ބުނީ ވެހިކަލެއް ނުލިބިގެން ކަމަށް އާއިލާއިން ވަނީ ބުނެފަައެވެ.

އެ ހިސާބުން މިރޭ ވަޅުލުމުގެ މަސައްކަތްތައް ކުރުމަށް ނިންމުމާއެކު އާއިލާއިން ހިތްހަމަ ނުޖެހުން ފާޅުކޮށް ވީހާވެސް އަވަހަކަށް ނަސީމްގެ ހަށިގަނޑު ވަޅުލަ ދިނުމަށް ވަނީ އެދިފައެވެ. އަދި ރޭ ގާތްގަނޑަކަށް 12 ޖަހާހާއިރު ގްރޫޕުން ގުޅާ، ރޭގެ ފަތިސް ނަމާދަށްފަހު ވަޅުލެވޭ ގޮތަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ވާހަކަ ބުނި ކަމަށާއި ފަތިސް ނަމާދަށްފަހު ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަން ނަސީމްގެ ހަގު އަނބި ގޮވައިގެން ހޮސްޕިޓަލަށް ދިޔަ ކަމަށްވެސް އާއިލާއިން މައުލޫމާތު ދިނެއެވެ.

އާއިލާއިން ބުނީ އިރު އެރިފަހުން، ފަތިސް ނަމާދަށް ފަހު ވަޅު ނުލާކަން އެނގުނު ކަމަށާއި އެ ހިސާބުން ބުނީ އިތުރު ސެޓްޕިކެޓްތަކާއި ފުރިހަމަކުރަން ޖެހޭ އިތުރު ކަންތައްތަކެއް ހުރި ކަމަށެވެ. އަދި މިއަދު މެންދުރު ނަމާދަށް ފަހު ވަޅު ނުލެވުމުން ބުނަމުން ދިޔައީ ޕޮލިސް ރިޕޯޓެއް ބޭނުންވާތީ ހޮސްޕިޓަލުން ނަސީމްގެ ހަށިގަނޑު ދޫނުކުރުމުން ވަޅު ނުލެވުނީ ކަމަށެވެ.

އާއިލާއިން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ގުޅުމުން ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާތީ ޕޮލިސް ރިޕޯޓެއް ބޭނުންވާ ކަމަށާއި އެ ރިޕޯޓު އަދި ނުލިބޭތީ ވަޅު ނުލެވިގެން އުޅެނީ ކަމަށް ވިދާޅުވި ކަމަށާއި އަދި ވީހާވެސް އަވަހަކަށް އެކަން ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށްވެސް އާއިލާއިން ބުންޏެވެ.

މިހާރު މިނިސްޓަރުގެ އިތުރުން ހައްޖު ކޮމިޝަނާއި ހަރަމައިން ގްރޫޕުންވެސް ބުނަމުން ދަނީ ޕޮލިސް ރިޕޯޓެއް ނުލިބިގެން ހަށިގަނޑު ހޮސްޕިޓަލުން ދޫނުކުރާތީ ވަޅުލުމުގެ ކަންކަން ކުރިއަށް ނުގެންދެވިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިރޭ ހަރަމައިން ގްރޫޕުގެ އޮފިޝަލަކު "ދަ ޕްރެސް" އަށް ވިދާޅުވީ ހޮސްޕިޓަލުން ހުރިހާ ކަމެއް ނިމި މިރޭގެ ފަތިސް ނަމާދަށްފަހު ވަޅުލުމުގެ ކަންކަން ކުރަން ނިންމާފައިވާ ކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނަސީމް ނިޔާވިތާ 24 ގަޑިއިރު ނުވަތަ 36 ގަޑިއިރު ވެފައިވާ ކަމަށެވެ. އަދި ނިޔާވާން ދިމާވި ސަބަބެއް އެ މީހުން ނުބުނާ ކަމަށާއި ނިޔާވި ސަބަބު އެއް ގޮތަކަށްވެސް ނޭނގޭ ކަމަށެވެ. އެހެންނަމަވެސް އާއިލާއިން ލަފާކުރަނީ ނަސީމް ނިޔާވީ ނުކައި، ނުނިދާ ތަނެއް ހޯދުމަށް، ދިން ހާ އަތްވެއްގައި ހިނގުމުގެ ސަބަބުން ކަމަށެވެ. އަދި އާއިލާއިން ބުނީ ނިޔާވީ ކާން ނުލިބިގެން ކަމަށް ޝައްކު ކުރެވުނު ނަމަވެސް ހައްޖު ދުވަސްވަރު އެ ސަރަހައްދުން ކާން ނުލިބިގެން މަރުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ބައެއް ޝައިހުން ބުނާ ކަމަށެވެ.

އަމިއްލަ ރަށުގައާއި މާލޭގައި ވެސް ވިޔަފާރި ކުރާ ވިޔަފާރިވެރިޔާ ނަސީމް މީގެ ކުރިންވެސް 2 ފަހަރަކު ވަނީ ހައްޖަށް ގޮސްފައެވެ. ދާދިފަހުން ހަނދާން ނެތުމުގެ ބަލި ކަމެއް ނަސީމްގެ ކިބައިން ފާހަގަ ކުރެވޭ އިރު އޭނާ ގެއްލުނީ އިހުރާމުގައި ހުއްޓާ ކަމުން ނިޔާވެފައި އޮއްވާ ފެނިފައިވަނީ ވެސް އިހުރާމުގައެވެ.

ނަސީމް ވަޅުނުލެވި ލަސްވަމުން ދާ ސަބަބު ޔަގީން ކުރުމަށް 'ދަ ޕްރެސް' އިން އެ ޖަމާއަތުގެ އޮފިޝަލުންނާ ގުޅޭތޯ މަސައްކަތް ކުރި ނަމަވެސް އޮފިޝަލަކު ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ، އެކަން ޔަގީން ކުރެވިފައެއް ނުވެއެވެ.