އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅުނު ފަހު މެޗުން ލުބުނާނު އަތުން ބަލިވެއްޖެއެވެ.

ލުބުނާނު އަތުން ރާއްޖެ ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މިމެޗުގައި ލުބުނާނުން ޖެހި ހަމައެކަނި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މާތޫކްއެވެ. މެޗުގެ 23 ވަނަ މިނެޓްގައި އޭނާ މި ލަނޑު ޖެހީ ލުބުނާނަށް ލިބުނު ހިލޭ ޖެހުމެއް ސީދާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މިމުބާރާތުގައި ރާއްޖެއިން ކުޅުނު ތިން ވަނަ މެޗުގައި ޓީމުގެ ކުޅުން ބޮޑުތަނުން ރަނގަޅުކުރި އިރު ނުރައްކާތެރި ހަމަލާތައް އުފެއްދުމަށް ރާއްޖެ ޓީމުން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް މެޗު ނިމުނީ 1-0 ގެ ނަތީޖާއިން ލުބުނާނު މޮޅުވެގެންނެވެ.

މިއާއެކު މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ އެއް މެޗުން މޮޅުވެގެން ތިން ޕޮއިންޓް ރާއްޖެއަށް ލިބިފައިވާ އިރު ރާއްޖެ ސެމީއަށް ދާނީ މިރޭ ބަންގްލަދޭޝްއާ ބޫޓާން ކުޅޭ މެޗުން 3-0 ގެ ސްކޯލައިނަކުން ބޫޓާން މޮޅުވެގެންނެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ބޫޓާންއާ ދެކޮޅަށް މިރޭ ނިކުންނަ ބަންގްލަދޭޝްއިން އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ 3-1 އިން ރާއްޖެ ބަލިކޮށްފައެވެ.

މިއަދުގެ މޮޅާއެކު ލުބުނާނު ގްރޫޕް ސްޓޭޖް ނިންމާލީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. އަދި ސެމީގައި އެޓީމުން ކުޅެން ޖެހޭނީ މުބާރާތް ބާއްވާ އިންޑިއާއާއެވެ.