"ބިންވެރިޔާ ސްކީމް"އާ ގުޅިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް އާބަންކޯއިން އެދިއްޖެއެވެ.

އާބަންކޯއިން ބުނީ "ބިންވެރިޔާ ސްކީމް"ގެ ގޯތި ނުވަތަ ފުލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް އެ ކޯޕަރޭޝަނުން ނުކުރާނެ ކަމަށެވެ. އަދި ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެކަން ހަނދުމަކޮށް އަރުވާ ކަމަށެވެ.

ސްކޭމްތަކަށް ސަމާލުވާން އާބަންކޯއިން ބުނެފައިވަނީ ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމްގެ ދަށުން 5000 ފަރާތަކަށް ގޯތި ދޭން ނިންމައި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމު ކުރުމާ ގުޅިގެންނެވެ. މީގެ ކުރިން ވެސް ގޯއްޗާއި ފްލެޓް ލިބުނު ކަމަށް ބުނެ އާބަންކޯގެ ނަމުގައި އެކި ފަރާތްތަކަށް ގުޅާ އެ މީހުންގެ ބޭންކް ކާޑުގެ މައުލޫމާތު ހޯދާ ބޮޑެތި އަދަދުން އެކައުންޓްތަކުން ފައިސާ ވަގަށް ނަގާފައިވެއެވެ.

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ މިދިޔަ އޭޕްރީލް މަހުވެސް އާބަންކޯގެ ނަމުގައި ސްކޭމް ކޯލުތަކެއްކޮށް ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާތީ އެފަަދަ ކޯލުތަކާއި ލިންކުތަކަކަށް ޒާތީ މައުލޫމާތު ނުދިނުމަށް އެ ކޯޕަރޭޝަނުން ވަނީ ތަކުރާރުކޮށް އެދިފައެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށްޓަކައި ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ބޭންކުގެ އިތުރުން ފުލުހުން ވެސް އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.