މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ހައްޖުވެރިންގެ ދުއާތަކާއެކު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް އިމްރާންގެ އަދާލަތު ޕާޓީން ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައެވެ. އަދި ރައީސް ސޯލިހަށް ތާއީދުކުރައްވާ އެމަނިކުފާނަށް ތައުރީފު ކުރައްވާ އިމްރާން ޓުވީޓުތައް ކުރައްވައެވެ.

އިމްރާން ވިދާޅުވީ މިއަދު ﷲ ގެ ހަޒުރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ހައްޖާޖީން ހައްޖުގެ އަޅުކަން ފަށައިގަންނަ ދުވަސް ކަމަށެވެ. އަދި މި އަހަރުގެ އިންތިހާބު އެއްބުރުން ކާމިޔާބު ކުރާނީ ހައްޖަށް ދިޔަ ލޮބުވެތި އަހުންނާއި އުހުތުންގެ މަތިވެރި ދުއާތަކާއެކު ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

އޭގެ ކުރިން އިމްރާން ވިދާޅުވީ ރާއްޖޭގެ މިއަދުގެ ހާލަތަށް އެންމެ ބޭނުންވަނީ ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ކަމަށާއި އެކަން ކަށަވަރު ކުރެވޭނީ ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް އިންތިހާބު ކުރެވިގެން ކަމަށެވެ.

މި އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރައްވާއިރު ރައީސް ސޯލިހުގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ހިމެނެއެވެ. އަދި ޕީޕީއެމް/ ޕީއެންސީއިން އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު ވަނީ އަރުވާފައެވެ.

މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލާން ނިންމަވާފައިވާއިރު އެމްއެމްއާރުއެމް އާއި ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ ސިގްނަލެއްވެސް ވަނީ ދެއްވާފައެވެ.

ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 9 ސެޕްޓެމްބަރާ ހަމައަށް 280،000 އަށް އަރާނެ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.