އެތެރޭގެ ގޮންޖެހުންތަކުން ކުރިމަތިވިި ތަކުލީފުތަކަކީ ސިޔާސީ ޕާޓީއަކުން ތަހައްމަލު ކުރާނެ އެންމެ އުނދަގޫ މަރުހަލާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވީ އެމްޑީޕީއަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގައެވެ.
ފައްޔާޒު ވިދާޅުވީ އަބަދުވެސް ރާއްޖޭގައި އޮތީ މަތިން ތިރިއަށް ހިނގާ ވެރިކަމުގެ ނިޒާމެއް ކަމަށާއި ވާދަވެރި ސިޔާސީ ވިސްނުމެއް އޮތުމަކީ އޭރު އެންމެ ބޮޑު ކުށް ކަމަށެވެ. އަދި މިނިވަން މުވައްސަސާތަކާއި އިންސާނީ ގަދަރާއި ކަރާމާތުގައި އެއްވެސް އަގެއް ނެތް ކަމަށާއި އިންތިހާ ދަރަޖައިގެން ބޭއިންސާފާއި ލާއިންސާނީ އަނިޔާ ދިނުމަކީ އޭރު ދައުލަތުގެ ހައިބަތު ކަމަށެވެ.
ހުރިހާ ކަމެއްގައި ރައްޔިތުން ތިބެން ޖެހުނީ ބިރުވެރި ކަމެއްގައި ކަމަށާއި ސަރުކާރަށް އަޅުދާސްވުމުގައި ފިތި ހަފުސްވެފައި ކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ ފުރުސަތު ނެތަސް އިންސާނުންގެ އިހުސާސަކީ އޮވެހެއްޓޭ އެއްޗެއް ނޫން ކަމަށާއި ބޭރަށް ހާމަނުކުރެވުނަސް އެތެރެ ހަށީގައި އެ އޮއެވަރު ހިނގާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެތައް ޒަމާނެއްގެ ޝުއޫރު ބޭރަށް ފަޅައިގެން ދިޔަ ވަގުތެއް ރާއްޖެއަށްވެސް އައި ކަމަށާއި ދިވެހިން ހަށި ފޮޅާލައި މިނިވަންވެ ގަތުމުގެ އޮއިވަރުން އުފެއްދި ނަމެއްވާ ކަމަށާއި އެ ނަމަކީ އެމްޑީޕީ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ މިއަދުގެ ކާމިޔާބީއަށް އެމްޑީޕީ ވާސިލުވެފައި މިވަނީ ފަސޭހަ ދަތުރަކުންނެއް ނޫން ކަމަށާއި ކެތްތެރިކަމާއެކު ޕާޓީގެ މަސްލަހަތު ހިފެހެއްޓި، އެމްޑީޕީގެ އަސާސްކަމުގައިވާ ޑިމޮކްރަސީގެ ހަމަތަކަށް އެންމެ ކުރިއަށް ނެރެގެން ކަމަށެވެ. އަދި ހިތި ހަގީގަތްތަކާއެކު ހިތުގެ އެއް ފަޅީގައި އެ ހިތާމަ ބަނދެގެން އެމްޑީޕީ ބަރުދާސްތު ކުރި ކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެއީ ވެސް ލިބުނު ފުން ތަޖުރިބާއެއް ކަމަށާއި އެ ތަޖުރިބާއިން ލިބުނު ފިލާވަޅަކީ ކުރިއަށް އޮތް ތަނުގެ ކާމިޔާބީއަށް ހުޅުވާލެވުނު އާ ދޮރެއް ކަމަށެވެ. އަދި އެއްވެސް ވަކި ފަރުދަކަށްވުރެ އެމްޑީޕީ އަދި މި ގައުމު ޕާޓީގެ މެމްބަރުންނަށް މާ ބޮޑު ކަމަށާޢި އެ ފަލްސަފާ އެމްޑީޕީގައި އަށަގަތުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެއްވިއެވެ.
މިއަދަކީ އެމްޑީޕީ ޅަ ފަތުން އަރައިގެން ދުވަސް ކަމަށާއި 18 އަހަރު ވުމަކީ ތަސައްރަފު ފުދުން ދުވަސް ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެ ދެކޮޅު ހޯދާ ބަލާލުމަށް އެމްޑީޕީއަށް ފުރުސަތު ލިބިފައި މިވަނީ ވަރަށް މުހިއްމު ދަނޑިވަޅެއްގައި ކަމަށާއި އެއީ އެކަށް އެއްބާރުލާ ނުކުމެ މި ޕާޓީގެ ރިޔާސީ ދެވަނަ ދައުރު ކާމިޔާބުކުރުމަށް ގޮވާލައްވާފައެވެ.