އިންޑިއާގައި މިހާރު ހިނގަމުންދާ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗު 3-1 އިން ބަންގްލަދޭޝް ކާމިޔާބުކޮށްފިއެވެ.
މިމުބާރާތުގެ ގްރޫޕް ބީގެ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރާއްޖެއިންނެވެ. ގޯލާ ދުރުން ފޮނުވާލި ޝޮޓަކުން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަމްޒާއެވެ. މިއީ މުބާރާތުގައި ހަމްޒާ ގައުމީ ޓީމަށް ޖަހާ ދިން ދެވަނަ ލަނޑެވެ.
ރާއްޖެއިން ލަނޑު ޖެހި ފަހުން ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ ބަންގްލަދޭޝްއިންނެވެ. އެޓީމު ދިވެހި ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އިރު މެޗުގެ 42 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް 1-1 އިން އެއްވަރުވެގެން ނިމުނު އިރު ދެވަނަ ހާފްގައި ވެސް ގިނަ ހަމަލާތައް އުފައްދާ ނުރައްކާތެރި ކުޅުމެއް ކުޅެފައިވަނީ ބަންގްލަދޭޝްއިންނެވެ. އަދި މެޗުގެ 67 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ.
އެއަށް ފަހު އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގައި ބަންގްލަދޭޝްއިން ވަނީ 3 ވަނަ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ކަށަވަރުކޮށްފައެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ބަންގްލަދޭޝް އަށް މިއަދު ލިބުނު ތިން ޕޮއިންޓާއެކު މިވަނީ ގްރޫޕް ބީގެ ތާވަލުގެ ދެވަނަ އަށް އަރާފައެވެ. ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން މޮޅުވި ނަމަވެސް މިއަދުގެ ބައްޔާއެކު މިވަނީ ތާވަލުގެ ތިން ވަނައަށް ވެއްޓިފައެވެ. އަދި ދެން ލުބުނާނާ ކުޅެން ޖެހޭ އިރު މުބާރާތުގެ ސެމީއަށް ދެވޭނީ އެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެގެންނެވެ.
ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބަންގްލަދޭޝް ވާދަކުރަން ޖެހޭނީ ފުރަތަމަ މެޗުން ރާއްޖެ އަތުން ބަލިވި ބޫޓާންއާއެވެ.