މާލެއިން ފުރައިގެން ނ.ވެލިދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށް ދިއުމުގެ ސަބަބުން، ލޯންޗު ފެނުން މައްޗަށް ނަގައިދިނުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ 30 މީހުންނާއެކު ދަތުރުކުރަމުންދިޔަ "ލީޖަން 7" ނަމަކަށްކިޔާ ލޯންޗަށް ރާޅެއް އަރައި، ދިޔަވަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު 11:50 ހާއިރު ކަމަށެވެ

ލޯންޗަށް ރާޅު އަރާފައިވަނީ ނ.ރަންދެލި ރިސޯޓު ކައިރިން ކަމުގައިވުމާއެކު ލޯންޗު ވަނީ އެވަގުތު ރަންދެލި ރިސޯޓުގެ ފަޅަށް ވަދެފައިވާ ކަމަށާއި ލޯންޗުގައި ތިބި މީހުން ރަންދެލި ރިސޯޓަށް ފޭބިފަހުން ރިސޯޓުގެ ފަޅުތެރެއަށް ލޯންޗު އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބާ ކްރާފްޓް، ޑައިވަރުންނާއެކު ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ރަންދެލި ރިސޯޓުގެ ޑައިވަރުންނާއި، ރިސޯޓުގައި އޮތް "ރީފްލައިން" ނަމަކަށް ކިޔާ ދޯންޏެއްގެ ފަޅުވެރިންނާއެކު، ކޯސްޓްގާޑުގެ ޑައިވަރުން މިހާރު ދަނީ ލޯންޗު ފެނުން މައްޗަށް ނެގުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ބުނީ އެ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި އެހިސާބުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.