އެޓްލާންޓިކް ކަނޑުގެ 3800 މީޓަރު އަޑީގައި އޮތް ޓައިޓޭނިކް ރެކް ކައިރިއަށް ދިޔަ "ޓައިޓަން ސަބްމާސިބަލް" ސަބްމެރިން ގޮވި ސަބަބު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ކެނެޑާގެ އިންވެސްޓިގޭޓަރުން ވަނީ ހާޑް ހެޓްތަކާ ހައި ވިޒިބިލިޓީ ޖެކެޓްތަކުގައި ޓައިޓަން ސަބްމާސިބަލް ލޯންޗު ކުރުމަށް ބޭނުންކުރި ސަޕޯޓް ޝިޕް "ޕޯލާ ޕްރިންސް" އަށް އަރާފައެވެ. އަދި އެ ވެސެލް ގައި ކުރަމުން ދަނީ އެ ސަބްމެރިން ގޮވުމަށް މެދުވެރި ސަބަބު ހޯދައި ދެނެގަތުމުގެ މަސައްކަތެވެ. ނޯތު އެޓްލާންޓިކް ކަނޑުގެ ސަރަހައްދަށް ސަބްމާސިބަލް ޓޯކޮށްގެން [ކަފުޖަހައިގެން] ނެރުނު ޕޯލަ ޕްރިންސް އަކީ ޓައިޓަންގެ ސަޕޯޓް ވެސެލްއެވެ.

ހުކުރު ދުވަހު ކެނެޑާ ސަރުކާރުން ވަނީ މި ސަބްމެރިން ގޮވި ސީދާ ސަބަބު ހޯދުމަށް ސަލާމަތީ ތަހުގީގެއް ފަށާފައިވާކަން އިއުލާން ކޮށްފައެވެ. އަދި މި ތަހުގީގުގައި އެހެން ގައުމުތަކުގެ ސަރުކާރުތަކުގެ އިދާރާތަކުން ވެސް ބައިވެރިވެދާނެ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައި ވާއިރު މި ތަހުގީގުގައި ބައިވެރިވާނެ ގައުމުތަކާ، މުވައްސަސާތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޓައިޓަން ސަބްމާސިބަލް އަކީ އެ ފަދަ ފުނަށް ދިޔުމަށް އެންމެ ރަނގަޅަށް ޑިޒައިން ކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު ކެނެޑާއިން ވަނީ މި ހާދިސާގައި އަދި 'ޝައްކު' ކުރެވޭ އެއްވެސް ކަހަލަ ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށް ބުނެފައެވެ. އަދި މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށްވެސް ކެނެޑާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކެނެޑާ ސަރުކާރުން ވަނީ ސަބްމާސިބަލް އަށް ދިމާވި ހާދިސާ އަދިވެސް ރަނގަޅަށް ސާފުވެފައި ނުވާއިރު މި ހޯދުންތައް ހޯދުމަށް ގިނަ ދުވަސްތަކެއް ނަގާފާނެ ކަމަށް ބުނެފައެވެ. އަދި މި ވަގުތު މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިހްތިރާމްކޮށް ކެތްތެރިކަން އިސްކުރުމަށް ވަނީ އެދިފައެވެ.

ޓައިޓަން ސަބްމާސިބަލްގައި ދަތުރު ކުރި އެންމެން މަރުވެފައިވާ ކަމަށް ނިންމާފައި ވަނީ ސަބްމެރިން ގެއްލުނުތާ 5 ދުވަސް ފަހުންނެވެ. ސަބްމާސިބަލް "ކެޓަސްޓްރޯފިކް އިމްޕްލޯޝަން" އެއް ހިނގައި ހަލާކުވެފައިވާ ކަމަށް ޔޫއެސް ކޯސްޓުގާޑުން ބުނެފައިވީ ނަމަވެސް އަދި މިހާތަނަށް އެ ސަބްމެރިންގައި ތިބި އެއްވެސް މީހަކު ފެނިފައެއް ނުވެއެވެ.