އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ސެމީގެ ދެ ޖާގަ އިންޑިއާ އަދި ކުވައިތުން ކަށަވަރުކޮށްފިއެވެ. މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމު ސެމީއިން ޖާގަ ހޯދީ ދެ ޓީމުން ވެސް މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެގެން ޖުމްލަ 6 ޕޮއިންޓް ހޯދައިގެންނެވެ.
މި ގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި 3-1 އިން ނޭޕާލް ބަލިކުރި ކުވައިތު މިއަދު ވަނީ 4-0 އިން ޕާކިސްތާނު ބަލިކޮށްފައެވެ. އެމެޗުގެ ހާފް ޓައިމަށް ދިޔަ އިރު ވެސް މޮޅު ކުޅުމެއް ދައްކަމުން އައި ކުވައިތުން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. މި މެޗުން ބަލިވި ޕާކިސްތާނުު މިވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެ މުބާރާތުން ކަޓާފައެވެ.
އެއީ ފުރަތަމަ މެޗުގައި އިންޑިއާ އަތުން 4-0 އިން ބަލިވުމަށް ފަހުއެވެ.
ގްރޫޕް އޭގައި މިއަދު ދެން ފެނިގެން ދިޔައީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލްގައި ވާދަކުރި އިންޑިއާ އަދި ނޭޕާލްގެ ވަރުގަދަ ކުރިމަތިލުމެކެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ އިންޑިއަށް މިމެޗުގައި އެދެވޭ ކުޅުމެއް ދެއްކިފައި ނުވި ނަމަވެސް މެޗުގެ ތިރީސް މިނެޓްގައި ޖެހި ދެ ލަނޑާއެކު އިންޑިއާ 2-0ގެ ސްކޯލައިނަކުން މިމެޗު ކާމިޔާބުކޮށް މިވަނީި މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ދިނީ ކެޕްޓަން ސުނިލް ޗެތްރީއެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ހަތަރު ވަނަ ލަނޑެވެ.
އިންޑިއާއާ ކުވައިތަށް ވެސް 6 ޕޮއިންޓް ލިބިފައިވާ އިރު ގްރޫޕްގެ އެއްވަނައިގައި އޮތީ ކުވައިތެވެ. އެއީ ޖެހި ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ އެއްވަނަ ކަށަވަރުވެގެންދާނީ މި ދެޓީމު ކުޅޭ މެޗުންނެވެ. މިމަހުގެ 27 ވަނަ ދުވަހު އެމެޗު ކުޅޭ އިރު މުބާރާތުން ކަޓާފައިވާ ނޭޕާލް އަދި ޕާކިސްތާނު ވެސް އެދުވަހު އެޓީމުތަކުގެ ފަހު މެޗު ކުޅޭނެއެވެ.
މިމުބާރާތުގެ ގްރޫޕް ބީގެ ދެ މެޗެއް މާދަމާ އޮންނަ އިރު މެންދުރު ފަހު 3 ޖަހާ އިރު ރާއްޖެ ނިކުންނާނީ ވާދަވެރި ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ލުބުނާނު ކުޅޭނީ ބޫޓާންއެވެ. ރާއްޖޭއާއި ލުބުނާނު މޮޅުވެއްޖެނަމަ އެ ދެ ޓީމަށް ވެސް ސެމީއިން ޖާގަ ކަށަވަރުވެގެންދާނެއެވެ.