މިއަދުގެ ރީތި ތާރީހް (2023-6-23)ގައި 43 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނީ ރަސްމީ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައި ނުވާތީ މި ހުރިހާ ކައިވެންޏެއް ވެސް ކުރާނީ ކޯޓުން ބޭރުގައި ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކައިވެނިކޮށް ދިނުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00އިން ރޭގަނޑު 9:00އާ ދެމެދުގެ ގަޑިތަކުގައި ކަމަށެވެ.
މާލެ ސަރަހައްދުގެ ހުޅުމާލެ ފިޔަވައި ކޮންމެ ތަނެއްގައި ވެސް ފެމިލީކޯޓުން ކައިވެނިކޮށްދޭއިރު ރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ކައިވެނި ނުކޮށްދޭނެ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. މި އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނި ކޮށްދޭން ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ.
ކޮންމެ މަހެއްގައި ވެސް ފެމިލީ ކޯޓުން އާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން މިދިޔަ މޭ މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ކޯޓުން 185 ކައިވެންޏެއް ކޮށްދީފައިވެއެވެ.
މިދިޔަ އަހަަރުގެ އެންމެ ރީތި އެއް ތާރީހު ކަމަށްވާ 22/12/22 ގައި ފެމިލީ ކޯޓުގައި ޖުމްލަ 58 ކާވެނި ކޮށްދީފައިވާއިރު ދެން އެންމެ ރީތި ތާރީހުގެ ގޮތުގައި ހިމެނޭ 22/2/22 ގައި 85 ކައިވެންޏެއް ފެމިލީ ކޯޓުން ވަނީ ކޮށްދީފައެވެ.
ފެމިލީ ކޯޓުން މިދިޔަ އަހަރު ޖުމްލަ 2514 ކައިވެންޏާއި 1346 ވަރިކޮށްދީފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.