ދިރިއުޅުމުގެ ވަކި ހިސާބަކުން ކޮންމެ މީހަކު ވެސް ޒަވާޖީ ހަޔާތެއް ފަށައި، އާއިލާއެއް ބިނާކުރާނެ ކަމީ ދުނިޔެ ދަންނަ ހަގީގަތެވެ. ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންގޮސް އާއިލާއެއް ބިނާކުރުން މިއީ ކޮންމެ އިންސާނަކަށް ވެސް އޮންނަ ކަމެކެވެ. ބައިވެރިއެއް ހިޔާރުކޮށް ކުރިޔަށް ދާނެ މިސްރާބެއް އެކުލަވާލަން ޖެހެއެވެ.
އެކަމަކު ޒަވާޖީ ހަޔާތެއް ބައިވެރިޔާ އާ އެކީ ފެށުމުގެ ކުރިން ވިސްނާލަން ޖެހޭ ކަންތައްތަކެއް ހުންނާނެކަން ދަންނަން ޖެހެއެވެ. އެއީ ކުއްލިއަކަށް ޒަވާޖީ ހަޔާތަކަށް ’ޖަމްޕު‘ ޖަހައި އޭގެ އެންމެ އަޑިއަށް ފީނާލުމަށް ފަހު ގިނަ ފަހަރަށް ސަލާމަތުގެ އައްސޭރިއަކަށް ނުދެވެނީސް އަމިއްލަ މީހާ އާއި ބައިވެރިޔާގެ ދިރިއުޅުން ވެސް ހަފުސްވެގެން ދާނެތީއެވެ.
އެހެންކަމުން މިއީ ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނާލުން މުހިންމު ބައެއް ކަންކަމެވެ.
ފުރަތަމަ ކަމަކަށް ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ތިމާއަކީ ފުދުންތެރި، މާލީގޮތުން ފުއްދައިދެވޭނެ މީހަކަށް ވުމެވެ. ބައިވެރިޔާ އާ އެކީ ހަޔާތުގެ އާ ޗެޕްޓަރު ހުޅުވާލައި، އާއިލާއެއް ފެށުމުގެ ކުރިން ތިމާއަކީ ކެރި ފޯރުންތެރި، ހަރަދުކުރެވޭނެ މީހަކަށް ވާން ޖެހޭނެއެވެ. ސްޓޭބަލް ވަޒީފާއެއްގައި އުޅެވެން ނުވަތަ އަމިއްލަ އެކައުންޓްގައި ފުދޭވަރަކަށް ފައިސާ ރައްކާކުރެވިފައި ހުންނަން ވާނެއެވެ.
އާއިލާއެއް ފެށުމަކީ ހަގީގަތުގައި ބޮޑު ޒިންމާއެކެވެ. ދަރިން ހޯދުމަށް ފަހު ދަރިންނަށް ހަރަދުކުރުމާއި ގެއަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމަށާއި ބިލުތަކަށް ހޭދަކުރަން ޖެހުން ފަދަ ހަރަދުތަކަކީ ކޮންމެހެން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކެކެވެ. އާއިލާއަށާއި ގެއަށް ބޭނުންވާ ވަރަށް ހަރަދުކުރެވޭނެ މަގެއް ނެތި ޒަވާޖީ ހަޔާތެއް ފެށުމަކީ ތިމާއަށް ވެސް ތިމާގެ ބައިވެރިޔާއަށް ވެސް އާހިރުގައި އެކަމުގެ ގެއްލުމާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.
ދެވަނަ ކަމަކަށް ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ތިމާއަށާއި މުސްތަގްބަލުގައި ތިމާގެ ބައިވެރިޔާއަށް ވާނެ ފަރާތަށާއި ތިމާގެ ކުޑަކުޑަ އާއިލާއަށް ހިޔާވަހިކަން ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދޭން ޖެހޭނެއެވެ. މާލީގޮތުން ފުދުންތެރިވުމަށް ފަހު ދެން ވިސްނާލަން ޖެހޭނެ އެއް ކަމަކީ ހިޔާވަހިކަން ލިއްބައިދޭނެ ރަނގަޅު ތަނެއް ހޯދައިދިނުމެވެ. ސަބަބަކީ އާއިލާއެއް ބިނާކޮށް ދިރިއުޅުމަށްޓަކައި ފަސޭހަ މާހައުލެއް ބޭނުންވުމެވެ.
މީގެ އިތުރުން ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ތިމާ ތި ހިޔާރުކުރާ ބައިވެރިޔާ އާއި އޭނާގެ އާއިލާއަކީ ކާކުކަމާއި ކޮން ބައެއްކަން ރަނގަޅަށް ދެނެގަންނަން ވާނެއެވެ. ތިމާގެ ހިޔާލާތާއި ފިކުރާ އެއްގޮތް މީހެއް ކަމުގައި ނުވި ނަމަވެސް، ތިމާ އިހްތިޔާރުކުރާ ބައިވެރިޔާއަކީ ތިމާއަށާއި ތިމާގެ އާއިލާއަށާއި ރަހުމަތްތެރިންނަށް ކަމޭހިތައި އިހްތިރާމްކުރާ މީހަކަށް ވާންވާނެއެވެ. ނޫން ނަމަ ތިމާގެ ބައިވެރިޔާ އާ ތިމާ ކައިވެނިކޮށް ހަޔާތެއް ފަށާ ފަހުން، ތިމާގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށް، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތިމާއަށް އޭގެ އަސަރު ކުރާނެއެވެ.