ރައްޓެހިންނާއެކު ކޮފީތަކުގައި އެތައް ވަގުތެއް ހޭދަކުރާ ފިރިން، ވަގުތު ނުދޭ ކަމަށް އަނބިން ބުނާ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެއެވެ.

އިސް ގާޒީ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގްވާމީ އާއިލާތަކުގެ ދުވަހާ ގުޅިގެންނެވެ.

އިސް ގާޒީ ވިދާޅުވީ މި ދުވަސް މި ފަހަރު ބައްދަލުކުރިއިރު ޣައްޒާގެ އެތައް އާއިލާއެއް އުފުލަމުންދާ ވޭނާއި ކެކުޅުމުގެ މަތިން ހަނދާން ކުރާ ކަމަށެވެ.

ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާން ޖީލުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަކުރައްވާ ގާޒީ ވިދާޅުވީ މި ހާލަތު ރަނގަޅުކުރުމަށްޓަކައި ތައުލީމީ މަރުހަލާތަކުގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ވަރަށް ގިނަ ކައިވެނިތައް ރޫޅިގެންދާ ސަބަބުތަކަށް ބަލާއިރު ޖެހޭ މައްސަލަތަކުގެ ބޮޑުމިނަށްވުރެ ފާހަގަވަނީ ކުދިކުދި މައްސަލަތައް ހައްލުނުވެ ގިނަ ދުވަސްވެގެން ދިއުމާއި ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން ކަންކަން ހިއްސާކުރަން ޖެހޭ ގާތް މީހުންގެ މަޝްވަރާ ހޯދިފައި ނުހުންނަކަން ވެސް ގާޒީ ވަނީ ފާހަގަކުރައްވާފައެވެ.

ގާޒީ ވިދާޅުވީ އަނބިމީހާ ވަރިކުރުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އެކުގައި ދިރިއުޅެން ބޭނުންނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރިނުވާތީ ކަމަށް ވަރަށް ގިނަ ފިރިހެނުން ފާހަގަކުރާ ކަމަށާއި ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީ ނުވިކޭތީ އާއި ނުވިކޭތީ އާއި ފިރިމީހާއަށް އިހުތިރާމްނުކުރާތީ ކަމަށް ބުނާ ކަމަށެވެ. އަދި ވަރިވާން އެދޭ އަންހެނުންގެ ވާހަކަތަކަށް ބަލާއިރު ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި އަންހެނުން ފާހަގަކުރާ ކަމަށާއި ރައްޓެހިންނާއެކު ކޮފީތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާއިރު އަނބިމީހާއަށް ވަގުތު ނުދޭ ކަމަށް ބުނާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީ ވަރަށް ގިނަ އަންހެނުން ކުރާ ހައްގު ޝަކުވާއެއް ކަމަށެވެ.

ގާޒީ ވިދާޅުވީ މި ފަހަކަށް އައިސް ފާހަގަވާ އަނެއް ކަމަކީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ކައިވެނިތައް ރޫޅާލުމަށް ހިތްވަރުދޭ ކަމަށާއި މައްސަލަތައް ހައްލުކޮށް ދަރިންނާއެކު އުފާވެރި އާއިލީ ވެއްޓެއް ހޮދުމަށް ހިތްވަރުދިނުމުގެ ބަދަލުގައި ކަމަށެވެ. އޭގެ ސަބަބުން އެތައް އަންހެނަކު އިތުރަށް ނިކަމެތިވުމާއި ކުޑަކުދިންގެ ހައްގުތަކުން ދަރިން މަހްރޫމުވުމަށް މަގުފަހިވާ ކަމަށާއި ކޯޓަށް އެކަން ފާހަގަވަނީ ވަރިވުމަށްފަހު ދަރިންބެލުމާއި ދަރިންގެ ހަރަދާއި ދަރިންނާއި ބައްދަލުކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގައި މީހުން ދައްކާ ވާހަކަތަކުން ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ކައިވެނި ރޫޅުމަށްފަހު ދަރިންނާ ގުޅުންހުރި މައްސަލަތައް ގިނަވަނީ ދަރިންގެ ހައްގުތަކަށްވުރެ އެހެން ކަންތައްތަކެއް އިސްކުރެވޭތީ ކަމަށާއި އަނެކާގެ ކިބައިން ބަދަލުހިފުމާއި ޖެއްސުންކުރުމުގެ ރޫހެއް ގެންގުޅެވޭތީ ކަމަށެވެ. އަދި މައިންބަފައިންގެ ލޯތްބާއި އަޅާލުން ލިބުމަކީ ދަރިންގެ ހައްގެއްކަމާއި ކައިވެނި ރޫޅުނަސް އެކުދިންގެ ހައްގުތަކުން މަހުރޫމު ނުކުރުމުގެ ވިސްނުން އިސްކުރާނަމަ ވަރަށް ގިނަ މައްސަލަތައް ކޯޓާ ހިސާބަށް ނުގޮސް ހައްލުވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އާއިލާގެ އުފާވެރިކަމަށްޓަކައި އާއިލާއެކުގައި ހޭދަކުރާ ވަގުތު ގިނަ ކުރަންޖެހޭ ކަމަސާއި ފަނާކުރުވާ ވިސްނުނަތައް ދޫކޮށް އިސްލާމްދީނުގެ ރިވެތި އުސޫލުތަކުގައި ހިފަހައްޓަން ޖެހޭ ކަމަށެވެ. އަދި ފިރިމީހާ އަނބިމީހާއަށް އެހީތެރިވުމާއި އަނބިމީހާއާއެކު ވަގުތު ހޭދަކުރުމަކީ އަނބިދަށުވުން ކަމުގައި ނުދެކޭ ކަމަށާއި އަނބިމީހާ ދިރިމީހާއަށް ކިޔަމަންތެރިވުމާއި ހިދުމަތްކޮށް ދިނުމަކީ ފިރިމީހާއަށް އަޅުވެތިވުން ކަމުގަިއ ނުދެކޭ ކަމަށް ގާޒީ ވިދާޅުވިއެވެ.