ސިވިލް ކޯޓުން ނެރުނު އަމުރު ގާނޫނާ ހިލާފު ކަމަށް ބުނެ، އެ ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމަށް އެދި ހަންބޯ ކުންފުނިން ހައިކޯޓަށް ދާން ނިންމައިފިއެވެ.
ކުންފުނީގެ އެކައުންޓުތައް ބޭނުންކުރެވޭ މައްސަލައިގައި ހަންބޯ އިން ބީއެމްއެލާ ދެކޮޅަށް މި މަހުގެ 14 ވަނަ ދުވަހު ދައުވާކުރަން ނިންމާފައި ވަނީ:
- އެކައުންޓުތަކުގެ ސްޓޭޓްމެންޓު ހޯދުމަށް ކުރެވުނު މަސައްކަތުން ބީއެމްއެލްގެ އެއްބާރުލުން ނުލިބުނު ކަމަށް ބުނެ
- އޭޕްރިލް މަހު ބީއެމްއެލްގެ ސަމާލުކަމަށް އެ މައްސަލަ ގެނައުމުން ވެސް އެކައުންތުތައް ބޭނުންކުރެވޭ ގޮތަށް އެއްވެސް ބަދަލެއް ނައުމުން
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ، ހަންބޯ ކުންފުނީގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ ދެ އެކައުންޓު ހުޅުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުރި މުއްދަތުގެ ބޭންކް ސްޓޭޓްމެންޓުތަކުގެ ކޮޕީތައް ދޭން ޖެހޭނެ ތަނެއް ނުފެންނަ ކަމަށެވެ.
ނަމަވެސް އެކައުންޓުތައް ހުޅުވުމަށްޓަކައި މަމްދޫހުގެ ނަމުގައި ބީއެމްއެލަށް ހުށަހަޅާފައިވާ ފޯމުތަކާއި އެކަމާ ގުޅޭ ލިޔެކިއުންތަކުގެ ކޮޕީތަކާއި، އެކައުންޓުތައް ހުޅުވުމަށްޓަކައި ބީއެމްއެލުން ފައިސާ ނެގުމަށާއި، އިންޓަނެޓު ބޭންކިން އާއި އެހެނިހެން ހިދުމަތަކަށް އެދިފައިވާ ނަމަ، އެކަމާ ގުޅުންހުރި ލިޔެކިއުންތަކުގެ ކޮޕީތައް ދިނުމަށް ބީއެމްއެލްގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.
އެކަމަކު ހަންބޯގެ ނަމުގައި މަމްދޫހު ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުތައް ބޭނުންކުރެވޭ ގޮތް ހެދުމަށް ބީއެމްއެލްގެ މައްޗަށް އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައި ވެއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ހަންބޯ ކުންފުނިން ބުނީ، ސިވިލް ކޯޓުން ކުރި ހުކުމް ގާނޫނާ ހިލާފު ކަމަށް ދެކޭ ކަމަށެވެ. ސަބަބެއް ކަމަށް އެ ކުންފުނިން ބުނީ:
- އެކައުންޓް ސްޓޭޓްމެންޓް ނުލިބި ބީއެމްއެލްގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގައި ހުރަސްތަކާ ކުރިމަތިވެފައިވާތީ
- އެކައުންޓް ސްޓޭޓްމެންޓް ލިބިގެން ނޫނީ ކުންފުނީގެ ނަމުގައި ހިންގާފައިވާ މުއާމަލާތްތަކާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ވެރިފިކޭޝަން ޕްރޮސެސް ފުރިހަމަނުވާނެތީ
- މި ހާލަތުގައި ކުންފުންޏަށާއި، ކުންފުންޏާ މުއާމަލާތު ކުރި ފަރާތްތަކަށް ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެތީ
އެހެންކަމުން، ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށް، ހަންބޯ ކުންފުނިން ބުންޏެވެ.
މި މައްސަލައިގައި ހަންބޯ ކުންފުންޏަށް ވަކާލާތުކޮށްދެނީ ލޯކްރާފްޓް ނަމަކަށް ކިޔާ ލޯ ފާމަކުންނެވެ.
ހުޅުމާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގައި ތަރައްގީ ކުރަމުން ދިޔަ ކޭ-ޕާކް ރެޒިޑެންސް އަކީ އެންމެ އަވަހަށް ކޮންކްރީޓް ނިންމި އެއް އިމާރާތެވެ. ޖުމްލަ 110 އެޕާޓްމެންޓު ހުންނަ 14 ބުރީގެ އިމާރާތުގެ ކޮންކްރީޓް ނިންމައި، ފިނިޝިންގެ ބައެއް މަސައްކަތްތައް ނިންމަމުން ތަން ވިއްކަމުން ދިޔައީ މަމްދޫހުގެ ބެލުމުގެ ދަށުންނެވެ.
އެއް އެޕާޓްމަންޓް އެތައް ބަޔަކަށް ވިއްކައި ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ މައްސަލަ ފެންމަތިވީ، މައި ހިއްސާދާރު އެ މައްސަލައިގައި ކަމާބެހޭ އިދާރާތަކަށް ހިނގަން ފެށުމުންނެވެ.