ރައްޔިތުން މަޖިލީހުގެ 2023 ވަނަ އަހަރުގެ 2 ވަނަ ދައުރުން ބޭރުން ޖަލްސާތައް ބޭއްވުމަށް އެމްޑީޕީގެ ޕީޖީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ދައުރުން ބޭރުގެ ޖަލްސާތަކެއް ބޭއްވުމަށް ހުށަހަޅާފައި ވަނީ އެމްޑީޕީ ޕީޖީގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރު ނިންމާލާފައިވަނީ މުހިންމު މައްސަލަތަކެއް ހުށަހެޅި ގޮތެއް ނުނިމިވާ ވަގުތެއްގައި ކަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގައި ލާޒިމް ކުރާ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގައި ގޮތެއް ނުނިމިވާކަން އަސްލަމް ވަނީ ހާއްސަކޮށް ފާހަގަ ކުރައްވާފައެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އެކުލަވާލާފައިވަނީ އޭގައި ހިމެނުމަށް މަޖިލީހުގެ ގަވައިދުން ލާޒިމްކުރާގޮތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައެއް ތާވަލު ނުކޮށް ފާހަގަކުރައްވާ އަސްލަމް ވަނީ އެހެންކަމުން، މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުގެ މަތިން ދައުރުން ބޭރުގެ ޖަލްސާތަކެއް ބާއްވަދެއްވުމަށް އެދިވަޑައިގެންފައެވެ.

ގޮތެއް ނިމެންދެން ދައުރުން ބޭރުގެ ޖަލްސާތައް ބޭއްވުމަށް އެދިފައިވާ ކަންކަން:

  1. މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލަ އަދި އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް
  2. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މައްސަލަ އަދި އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް
  3. މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައާއި ގުޅިގެން އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 5 މައްސަލައެއް ނިމެންދެން މީގެ ކުރިން އަސްލަމް ދައުރު އިތުރުކޮށްދޭން އެދިލައްވާފައިވަނިކޮށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ދައުރު އިތުރުކޮށްދެވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށެވެ.