އަމިއްލަފުޅު އުޒުރުތަކަށްވުރެ ރައްޔިތުންގެ މަސްލަހަތު ހިފަހައްޓަން ޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތާ ހަވާލުވެ ވަޑައިގެންފިއެވެ.
މިދިޔަ ދެ ދުވަހު މަޖިލީހުގެ ޖަލްސާ ނުބޭއްވި ދިޔައީ، ހޯމަ ދުވަހުގެ ޖަލްސާ އަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި ދައުރުގައި ދެން ޖަލްސާތައް ދެން ކުރިއަކަށް ނުދާނެ ކަމަށެވެ. ހޯމަ ދުވަހުގެ ޖަލްސާ އަށް ފަހު ނަޝީދު އެހެން ވިދާޅުވީ، އެމަނިކުފާނު ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެ ވަޑައިގަންނަވާ ހާލަތުގައި ރިޔާސަތު ބަލަހައްޓަވަން ކަނޑައަޅާފައިވާ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދިވިދިގެން ތިން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައި ވާތީއެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދާ ޖަލްސާ ފެއްޓެވުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން މަޖިލީހުގެ ގަވާއިދުން ލިބިވަޑައިގެން އުޒުރުވެރިވުމުގެ އިހްތިޔާރުގެ ދަށުން ރިޔާސަތު ބެލެހެއްޓުމުން އެއްކިބާވެވަޑައިގެންނެވިކަން މަޖިލީހުގެ އަމީން އާއްމުއަށް ދެންނެވި ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ގިނަ ދިވެހި ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ބަލަހައްޓަމުން ގެންދެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ރައީސް އާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުކުރެއްވުމަކުން މަޖިލިސް ކުރިއަށް ގެންދިއުމަށް ފުުރުސަތު ލިބިވަޑައި ނުގެންނެވި ކަމަށެވެ.
ނަޝީދު ވިދާޅުވީ މަޖިލިސް ކުރިއަށް ނުގޮސް އޮތް އޮތުން އެއީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްސަލަ އެއް ފަހަރާ ވެއްދުމުން ދިމާވެފައި އޮތް ހާލަތެއް ކަމަށެވެ. އަދި ދިވެހި ރާއްޖޭގެ މަސްލަހަތާއި މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންނާއި ރާއްޖޭގެ މަސްލަހަތު ހިފެހެއްޓޭނެ ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ދައުލަތުގެ އެހެން ބާރުތަކުން އަދި ހާއްސަގޮތެއްގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީއިން މި މައްސަލަ ހައްލުކޮށްދިނުމުގައި އެއްގޮތަކަށްވެސް އެހީތެރިވެފައި ނުވާ ކަމުން ހިތާމަފުޅު ކުރައްވާ ކަމަށެވެ. އަދި މިއީ އަމިއްލަފުޅު ވާޖިބެއްކަން ދެކެވަޑައިގެން މިއަދު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ގަސްތުކުރެއްވީ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.