އިލެކްޝަންސް ކޮމިޝަނުން ހުއްދަ ނުދިނަސް، ސިޔާސީ ޕާޓީއެއްގެ ގޮތުގައި "ދަ ޑިމޮކްރެޓްސް"ގެ ހަރަކާތްތައް ފަށައި ކުރިއަށް ގެންދާނެ ކަމަށް، އެ ޕާޓީގެ މުއައްސިސް ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

"ދަ ޑިމޮކްރެޓްސް" އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، އެއްވެސް ސަބަބަކާ ނުލާ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެއީ ގާނޫނުއަސާސީގެ ރޫހާ ހިލާފު އަމަލެއް ކަމަށެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ވެސް ގާނޫނު އަސާސީން ލިބިދީފައި އޮންނަ ހައްގުތަކެއް، މާނައަކީ އަޅުގަނޑުމެންގެ ހަރުގެތައް ވެސް ހިނގަމުން ދާނެ، އެތަންތަނުގައި ބޭފުޅުން ވާހަކަފުޅު ވެސް ދައްކަވަމުން ގެންދާނެ، އަދި ކެމްޕޭނެއްގައި ކުރާނެ ހުރިހާ މަސައްކަތް، ހަރަކާތްތައް ބާރަށް އަޅުގަނޑުމެން ކުރަމުން ގެންދާނަން،"

އޭނާ ވިދާޅުވި ގޮތުގައި، ޕާޓީއެއްގެ ގޮތުގައި ކެމްޕެއިންގެ ހަރަކާތްތައް އަވަހަށް ފަށައި، ރަށްރަށުގައި ހަރަކާތްތައް ދަ ޑިމޮކްރެޓްސް އިން ކުރިއަށް ގެންދާނެއެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނުކުންނަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އޭނާ ތަކުރާރުކުރެއްވިއެވެ.

ހަމަ އެއާއެކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންފައިވާތީ، ޑިމޮކްރެޓްސް އިން މިރޭ ބާއްވާ ޖަލްސާ އިން ފެނިވަޑައިގަންނަވާނެތޯ އާއި، ނަޝީދުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެ ޕާޓީ އާ ގުޅޭނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހަސަން ވިދާޅުވީ، ނަޝީދާއި އަހްމަދު ރަޝީދަކީ ޑިމޮކްރެޓްސް އަށް ދައުވަތު ދެއްވައި މަރުހަބާ ދެންނެވޭވަރަށް ވުރެ ގާތް ދެ ބޭފުޅުން ކަމަށެވެ.

ނަޝީދު ޕާޓީން ވަކިވެވަޑައިގަންނަވަން ސިޓީ ލިޔުއްވުމަށް ފަހު ގަލަން ހަވާލުކުރެއްވި ކަމަށާއި އެ ގަލަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، މަޖިލީހުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އަހްމަދު ރަޝީދު ބައިވެރިވެވަޑައިގެން، އެމްޑީޕީން ވަކިވެވަޑައިގަތުމަށް ސިޓީގައި ސޮއިކުރެއްވީ އެންމެން ތިބި ވަގުތުގައި ކަމަށެވެ.

"މިހާރު ވަރަށް ދުރު ބޭފުޅެއް ގޮތަށް އަހްމަދު ރަޝީދަށް ފެނިވަޑައިގަންނަވާނެ އަޅުގަނޑު މި ޕާޓީ އަށް މަރުހަބާ ދަންނަވައިފިއްޔާ، އެއަށް ވުރެ މާ ގާތް ބޭފުޅެއް އަހްމަދު ރަޝީދަކީ، އަހްމަދު ރަޝީދަކީ އަޅުގަނޑުމެންގެ ތެރެއިން ބޭފުޅެއް، ރައީސް ނަޝީދަށް އަދި އަމުދުން އަޅުގަނޑު ކިހިނެއްތޯ މަރުހަބާ ދަންނަވާނީ؟ އަޅުގަނޑަށް ނުކެރޭނެ ރައީސް ނަޝީދަށް މަރުހަބާ ދަންނަވާކަށް ނުވަތަ އިންވިޓޭޝަން ފޮނުވާކަށް މި ޕާޓީ އާ ގުޅިވަޑައިގަންނަވާކަށް،"

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތް ނަމަވެސް، މިރޭގެ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދަންނަވަން ދަތިކަމަށާއި، ނަޝީދު "ޑިމޮކްރެޓްސް" އާ ގުޅިވަޑައިގަންނަވާނެ ދުވަހެއް ދަންނަވަން ދަތި ކަމަށް ހަސަން ވިދާޅުވިއެވެ.

ހަސަން ތުހުމަތުކުރައްވާ ގޮތުގައި، ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކުރެވެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނުފޫޒު އެކަމުގައި އޮވެގެންނެވެ. 2005 ވަނަ އަހަރު އެމްޑީޕީ އޭރު އުފެއްދުމަށް ރައްޔިތުން ކުރި މަސައްކަތުން މިސާލު ނަންގަވައި އޭނާ ވިދާޅުވީ، އޭރު ހިނގައިދިޔަ ކަންކަމާއި މިހާރު ޑިމޮކްރެޓްސް އުފެއްދުމަށް އަޅާ ހުރަސްތަކާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ.

އެ ޕާޓީ ވުޖޫދުވިޔަ ނުދީ، އަދި ރިޔާސީ ކެންޑިޑޭޓެއް އިންތިހާބުގައި ވާދަކުރިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި މަސައްކަތެއް ރައީސް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.