ކ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ރިޒްކާލްޓަން ފަރި އައިލެންޑް ރިސޯޓަށް ޒިޔާރަތް ކުރި ޗައިނާގެ ފަތުރުވެރިޔާ، ޔޮލީޔިޓޮންގް ރޭޕް ކުރި މައްސަލާގައި ތަހުގީގު އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
މި މައްސަލާގައި ޔޮލީޔިޓޮންގް ވަނީ އިންސާފު ހޯދައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭނާ ސިޓީއެއް ވެސް ފޮނުވާފައެވެ.
އެސީޓީއާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ކޭސް އަޑުއިވި ވަޑައިގަތުމުން އަދި ޔިޓޮންގެ ސިޓީ ވިދާޅުވުމަށްފަހު ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ރަނގަޅު ތަހުގީގެއް ހިންގުމަށް ފުލުހުންގެ ހިދުމަތަށް ނަޝީދު ވަނީ ގޮވާލައްވާ ކަމަށެވެ.
ނަޝީދަށް ޔޮލީޔިޓޮންގް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލާގައި ގާނޫނީ އެހީތެރިކަން ހޯދަން މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ މުވައްސަސާތަކުން އެހީތެރިކަން ދީފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި މިންތީގެ ހަމަހަމަކަމާއި ބޭއިންސާފާ ދެކޮޅަށް މަސައްކަތްކުރާ ކަން އެނގިފައިވާ ކަމަށާއި ރައީސް ނަޝީދަކީ މި ކަމުގައި އިންސާފު ހޯއްދަވައި ދެއްވޭނެ ފަރާތެއް ކަމަށް ގަބޫލުކުރާ ކަމަށް ޔޮލީޔިޓޮންގް ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން "ދަ ޑިމޮކްރެޓްސް"އިން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންނާއި އަންހެނުންނާއި އެހެނިހެން ފަރާތްތަކާ މެދު ހިނގާ ޖިސްމާނީ ނަފްސާނީ އަދި ޖިންސީ އަނިޔާގެ ސީރިއަސް މައްސަލަތައް ރިޕޯޓްކުރާ މިންވަރު އިތުރުވެފައި ވީނަމަވެސް އެ ކުށްތަކުގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަ ނުބެލި ދައުވާ ނުއުފުލި އަނިޔާ ލިބުނު ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބި އިންސާފުން މަހްރޫމްވަމުންދާތީ ކަންބޮޑުވާ ކަމަށެވެ.
ނަމަވެސް ވަކި މަދު ބައެއްގެ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށް ޖިންސީ ހާނިކަ އާއި ގޯނާ އާއި ފުރައްސާރަ އާއި ރޭޕާއި ގެވެށި އަނިޔާގެ އަނިޔާވެރި އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ އަދި ކުށް ސާބިތުވެފައިވާ ފަރާތްތައް އެކި މަރުހަލާތަކުގައި އެކި ގޮތަށް އަދަބުން ވީއްލި މިނިވަން ކުރަމުންދާކަމީ ހިތާމަހުރި ކަމެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މި މައްސަލާގައި ފުލުހުން ވަނީ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މި މައްސަލައިގެ ފުރިހަމަ ތަހުލީލެއް ހެދުމަށްޓަކައި އަޅަންޖެހޭ ހުރިހާ ތަހުގީގީ ފިޔަވަޅެއް އަޅަމުންދާކަމުގެ ޔަގީންކަން ދޭ ކަމަށް ބުނެފައެވެ. ފުލުހުން ވަނީ ގާނޫނު ނަގަހައްޓާ، އެންމެހާ ފަރުދުންގެ ދުޅަހެޔޮކަން ހިމާޔަތްކޮށް، އަދުލުއިންސާފު ގާއިމުކޮށްދިނުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި މި ތަހުގީގު އިންސާފުވެރި ހައްލަކަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ރިޕޯޓުތައް ފުލުހުން ނަގަނީ ވަރަށް ސީރިއަސްކަމާ ޕްރޮފެޝަނަލިޒަމާއެކު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ޔޮލީޔިޓޮންގް ވަނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ޒަހަމްތަކުގެ ފޮޓޯތައް ހިއްސާ ކޮށްފައެވެ. އެގޮތުން ފައިގައި ޒަހަމްތަކެއް ހުރި އިރު މޭމަތީގައި ވަކިތަކެއްވެސް ހުރިކަން ފޮޓޯތަކުން ފެނެއެވެ. ޔޮލީޔިޓޮންގް ވަނީ އެ ހާދިސާގެ ތަފްސީލް ހިއްސާކޮށް އޭގެ ފަހުން އެ މައްސަލަ އޮއްބާލުމަށް ރިސޯޓުން ކޮށްފައިވާ މަސައްކަތްވެސް ކިޔައިދީފައެވެ.
އެ މައްސަލާގައި ތުހުމަތުކުރެވޭ ބަޓްލަރު އުޝާމް ކިޔާ މީހާގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.