ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަކިވެވަޑައިގެންފިއެވެ.

އެމަނިކުފާނު އެމްޑީޕީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، މި ވަގުތު ރާއްޖޭގައި ކަންކަން ހިންގަމުންދާ ގޮތަށް ބައްލަވައި އެމްޑީޕީގައި ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައި ނުގަންނަވާތީ ޕާޓީން ވަކިވެވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑަގެންފައިވާ އިރު، އެމަނިކުފާނު އިސް ވެ ހުންނަވާ އެމްޑީޕީން ވަކިވި "ފިކުރެއްގެ ދިރުން" ފެކްޝަންގެ ބައިވެރިން ހެދި 'ދަ ޑިމޮކްރެޓްސް' ސިޔާސީ ޕާޓީއަށް ނަޝީދު ގުޅިވަޑައިގަންނަވާ ފަދަ މޭރުމަކުން ދާދި ފަހުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވަނީ، އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

ރައީސް ނަޝީދު އޭރު ވިދާޅުވެފައި ވަނީ އެމްޑީޕީގައި ހުންނެވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެ ޕާޓީގައި މަޑުކުރައްވައިގެން ހުންނެވީ އެމްޑީޕީން ޑިމޮކްރެޓްސް އަށް ހެޔޮވަރަކަށް މެންބަރުން ގެންދެވުމުގެ މަގްސަދުގައި ކަމަށެވެ. ހަމައެއާއެކު ސިޔާސީ ޕާޓީއެއް ހެދުމަށް ސަރޔުކާރުން ހުރަސް އަޅާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައިވާ އިރު، އެމަނިކުފާނަކީ 20 އަހަރު އެމްޑީޕީއަށް ހިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. އެމްޑީޕީ ތަމްސީލު ކުރައްވައި ލީޑަރެއްގެ ގޮތުން ގިނަބައެއްގެ މަގްބޫލުކަން ހޯއްދެވި ބޭފުޅެކެވެ. އެމްޑީޕީ ސަރުކާރެއްގައި ރައީސް ނަޝީދު ވަނީ މީގެ ކުރިން ރައީސް ކަން ވެސް ކުރައްވާފައެވެ.

އެމްޑީޕީން އެމަނިކުފާނު ވަކިވެވަޑައިގެން އިރު ރައިސް ނަޝީދަކީ އެމްޑީޕީގެ ރައީސްއެވެ.