އެޓްލާންޓިކް ކަނޑަށް އަޑިއަށް ދިޔަ މަޝްހޫރު ޓައިޓޭނިކް ރެކް [ޓައިޓޭނިކް އަޑިއަށް ދިޔަ ތަން] ބަލަން ދިޔަ ސަބްމެރިނެއް ގެއްލި ވީނުވީއެއް ނޭނގިގެން ހޯދާތާ 24 ގަޑިއިރު ވެއްޖެއެވެ. 5 މީހުން ތިބި އެ ސަބްމެރިންގައި ޕާކިސްތާންގެ ވިޔަފާރިވެރިއަކާއި އޭނާގެ ފިރިހެން ދަރިއާއި، އިނގިރޭސި ބިލިއަނެއް ކަމަށް ވާ ހަމިޝް ހާޑިންވެސް ހިމެނެއެވެ. ހާޑިން އަކީ ޖައްވައް ދަތުރު ކުރުމުގެ އިތުރުން ގިނީސް ވޯލްޑް ރެކޯޑްގެ 3 ރެކޯޑް އޮންނަ މީހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ސަބްމެރިން ހޯދުމުގެ މަަސައްކަތް ފީނާ ފަރާތްތަކާއި ގިނަ ބަޔަކު ގުޅިގެން ކުރަމުން ދާ އިރު އެމެރިކާގެ ކޯސްޓްގާޑުން ބުނީ، އެ ސަބްމެރިންގައި ހުންނަނީ ގިނަ ވެގެން 4 ދުވަހުގެ އޮކްސިޖަން ކަމަށެވެ. މި ސަބްމެރިންގައި ދެން ދިޔަ މީހަކީ، ފްރާންސަށް ނިސްބަތްވާ އެކްސްޕްލޯރަރެއް ކަމަށް ވާ 77 އަހަރުގެ ޕައުލް ހެންރީ ނާގެލޮޓްގެ އިތުރުން އޭގެ ޕައިލެޓެވެ. އޭނާގެ ތަރުޖަމާނާ ހަވާލާދީ ބީބީސީން ބުނީ، އެއީ ޑައިވަރެއްގެ އިތުރުން ކުރިން ނޭވީގައި ވެސް މަސައްކަތް ކުރި ތަޖުރިބާކާރެއް ކަމަށެވެ. އަދި މިހާރު އޭނާ ކުރާ މަސައްކަތަކީ އެކްސްޕްލޯ [އެކި ކަންކަމާއި ތަންތަން ބަލާ ހޯދުން] ކަމަށެވެ.

މި ސަބްމެރިން ފެނޭތޯ ކަނޑުގެ ސަތަހަ ސްކޭން ކުރުމުގެ މަސައްކަތް ކުރަމުން ދާ އިރު، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގިނަ ބަޔަކު ހަރަކާތަތެރިވަމުން އެބަދެއެވެ. އޭގެ ތެރޭގައި އެމެރިކާ، ކެނެޑާ ނޭވީން ހިމެނެއެވެ.

މިދިޔަ އާދީއްތަ ދުވަހު ފީނަން ފެށި މި ސަބްމެރިންނަށް އެންމެ ފަހުން ގުޅުނީ އިއްޔެ ކަމަށް މި ސަބްމެރިންނަށް އެހީވާ ޕޯލާ ޕްރިންސް ބޯޓުން ބުނެފައި ވާކަމަށް އެމެރިކާގެ ކޯސްޓުގާޑުން ރިޕޯޓު ކުރެއެވެ.

ޓައިޓަން ސަބްމެރިން އަކީ، 5 މީހުންގެ ޖާގައިގެ ކުޑަ ސަބްމެރިން އަކަށް ވާއިރު، 96 ގަޑިއިރު ކަނޑުއަޑީގައި އޮތުމުގެ ކުޅަދާނަކަން އެއަށް ލިބިގެން ވެއެވެ. އަދި އެ ފަރުމާ ކޮށްފައި ވަނީ 4000 މީޓަރަށް އަޑިއަށް ދެވޭ ފެންވަރަށެވެ.

ޓޫރިސްޓް ސަބްމެރިން އެއް ގެ ގޮތުގައި ބޭނުން ކުރާ މި ސަބްމެރިން ގައި އަޑިއަށް ދިޔުމުގެ ޓިކެޓްގެ އަގަކީ 250،000 އެމެރިކާ ޑޮލަރެވެ. 8 ދުވަހުގެ ދަތުރަކަށް އެ ވަރު ޗާޖް ކުރާ އިރު، ކަނޑުއަޑީގައި ހުންނަ ރެކް [ޝިޕް ރެކް] ތަކަށް ގެންގޮސް ދިނުމާއި ފްރީ ޑައިވްތައް ކޮށްދިނުން ހިމެނެއެވެ.

އެ ސަބްމެރިން އަޑިއަށް ދިޔަ ޓައިޓޭނިކް ރެކް އަކީ 1912 ވަނަ އަހަރު އަޑިއަށް ދިޔަ މަޝްހޫރު ފަސެންޖާލައިން އަޑިއަށް ދިޔަ ތަނެވެ. އޭތި އޮތީ ކަނޑުއަޑީގެ 3800 މީޓަރު ފުނުގައެވެ.