ޔޫކްރައިން ހަނގުރާމަ ފެށުނު ސަބަބު ކަމަށް ރަޝިއާ ބުނާ، ނޭޓޯގެ ނުޒޫފު ހުއްޓާލެވެން ނެތިއްޔާ ހަނގުރާމަ ކުރިއަށް ގެންދަން ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ނޭޓޯއަށް ގޮވާލަފިއެވެ.

މި މޭރުމުން ލަވްރޯވް ވާހަކަ ދެއްކެވީ، ޔޫކްރައިން މައްސަލައިގައި ނޭޓޯ އިން ގެންގުޅޭ ސިޔާސަތާއި، ނޭޓޯގެ މެންބަރަކަށް ޔޫކްރައިން ހެދުމަށް ކުރާ މަސައްކަތް 'އެހެން ހަމަ ހުއްޓާނުލާނެ' ކަމަށް ވިދާޅުވެ ނޭޓޯގެ އިސްވެރިން ވާހަކަ ދައްކަވާފައި ވުމުން ރައްދު ދެއްވުމުގެ ގޮތުންނެވެ.

ޔޫކްރައިން ހަނަގުރާމަ ފެށުނު ސަބަބުކަމަށް މީގެ ކުރިންވެސް ރަޝިއާ ބުނަމުން އައި ނޭޓޯ ގެ ނުފޫޒު މިއަދާ ހަމައަށް އައިއިރު ފުޅާކޮށް އެކި ސިފަސިފައިގައި ޔޫކްރައިން އަށް ފޯރުކޮށްދެމުން ގެންދެއެވެ. ޔޫކްރައިން އަށް ބޭނުންވާ ހަތިޔާރާއި ހަނގުރާމައިގެ ޓެކްޓިކަލް އެހީއާއި އެކްސްޕާޓުންގެ އެހީ ނުރަސްމީ ސިފައެއްގައި މިހާރުވެސް ފޯރުކޮށްދެމުން ދެއެވެ. ރަސްމީކޮށް ނޭޓޯ ނުކިޔިނަމަވެސް އެހީދެނީ ނޭޓޯގެ ގިނަ ގައުމުތަކުންނެވެ.

ލަވްރޯވް ވިދާޅުވީ، ޔޫކްރައިން ވަށައިގެން ނޭޓޯގެ ބާރުތައް ނުވަތަ ހަރަކާތްތައް ހިންގާކަން މާކުރިންސުރެ އެނގޭ ކަމަށާއި އަދި ނޭޓޯގެ މަގުސަދަކީ ކޮބައިކަންވެސް އެނގޭ ކަމަށެވެ. އަދި މިހާރު ނޭޓޯއިން މަސައްކަތް ކުރަނީ ޔޫކްރައިންގެ ތެރޭގައި [ޔޫކްރައިން ނޭޓޯއަށް ވައްދައިގެން] އެމަސައްކަތް ކުރަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވީ، އެންމެން ބޭނުން ވަނީ ޔޫކްރައިން ހަނގުރާމަ ނިމެން ކަމަށާއި ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ ނަމުގައި ރަޝިއާއިން ބޭނުންވާ ގޮތަށް ހުށަހަޅާ ޕްލޭނަކަށް އެއްބަސް ނުވެވޭނެ ކަމަށެވެ.

ހަނގުރާމައިގެ ފަހުގެ ހަބަރުތައް ބުނާގޮތުން، އީޔޫ އިން މިހާރު ތައްޔާރުވަމުން ދަނީ، ޔޫކްރައިންގެ 300،000 ސިފައިންނަށް ތަމްރީނު ދިނުމަށެވެ. އަނެއްކޮޅުން ހަނގުރާމައިގެ މައިދާނުގަައި ޔޫކްރައިނުން ބޭނުން ކުރާ ޖަރުމަނުގެ ލެޕާޑް 2 މަރުކާގެ ޓޭންކެއް ގޮއްވާލައި ރަޝިއާގެ ކޮންމެ ސިފައިންގެ މީހަކަށް 1 މިލިއަން ރުބެލްސް (11،820 އެމެރިކާ ޑޮލަރު) ރަޝިއާއިން ދަނީ ދެމުންނެވެ.

މި ވަގުތުގައި ޗައިނާއިން ރަޝިއާގެ މައްޗަށް ނުފޫޒު ފޯރުވުމަށާއި، ރަޝިއާ އަށް ހަތިޔާރު ނުދިނުމަށް ޖަރުމަނުގެ ޗާންސެލާ، ޗައިނާއަށް ވަނީ ގޮވާލައްވާފައެވެ. ޖަރުމަނުގެ ޗާންސެލާ މިހެން ވިދާޅުވީ، ޗައިނާގެ ޕްރިމިއާ އާ ޖަރުމަނުގައި ބައްދަލު ކުރައްވާ ދެއްކެވި ވާހަކައިގައެވެ. ޖަރުމަނުގެ މި ގޮވާލުމަށް ޗައިނާއިން ދިން ޖަވާބެއް އަދި ސާފެއް ނުވެއެވެ.

ޔޫކްރައިން ހަނަގުރާމައަށް މަދަދު ދޭ ހުޅަނގުގެ ގައުމުތަކުގެ ތެރެއިން އީޔޫއިން މިއަދު ވަނީ އާ ޕެކޭޖެއްވެސް އިއުލާން ކޮށްފައެވެ. އީޔޫގެ އާ ޕެކޭޖަކީ ކުރިއަށް އޮތް 4 އަހަރަށް 55 ބިލިއަން އެމެރިކާ ޑޮލަރު އެހީގެ ގޮތުގައި ޔޫކްރައިން އަށް ދިނުމަށް ކަނޑައެޅި ޕެކޭޖެކެވެ. މި ޕެކޭޖްގައި ލޯނާއި އެހީ ހިމެނޭ ކަމަށް އީޔޫއިން ބުނެއެވެ.