މިއަދު ރާއްޖެއައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

މަރުވެފައިވަނީ އާއިލާއާއެކު މިއަދު ތާޖް އެގްޒޯޓިކާ ރިސޯޓަށް އައި އިންޑިއާގެ ފިރިހެނެކެވެ.

މިކަމުގެ މައުލޫމާތު އެނގޭ މީހަކު "ދަ ޕްރެސް" އާ ވާހަކަދައްކަމުން ބުނީ ދެމަފިރިންނާއި ދެ ދަރިން ހިމެނޭ އެ އާއިލާއިން ރާއްޖެއައީ މިއަދު 11:45 ގައި ކަމަށާއި ރިސޯޓަށް ދެވުނީ ގާތްގަނޑަކަށް މެންދުރުފަހު 1 ޖަހާއިރު ކަމަށެވެ.

އޭގެ ގަޑިއެއްގެ އިރުފަހުން އެ ހާދިސާ ހިނގާފައިވާއިރު ފަތުރުވެރިޔާ މަރުވެފައިވަނީ ގެނބިގެން ކަމަށާއި މި ދުވަސްވަރަކީ ދިޔަވަރު ބޮޑު ދުވަސްވަރެއް ކަމުން މޫދަށް ނޭރެން ރިސޯޓުން ވަނީ ހުރިހާ ފަތުރުވެރިންނަށް އަންގާފައެވެ.

ޖެޓްސްކީއަކާއި ކުޑަ ލޯންޗެއް ކައިރިކޮށް ފަތުރުވެރިޔާ މޫދުން ނަގާ، ސީޕީއާރުދިން އިރުވެސް އަނގައިން ފޮނުތަކެއް އަރާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު އެ ފަތުރުވެރިޔާ ވަގުތުން ވަނީ މާލެ ގެނެސްފައެވެ.

ކ. އަތޮޅު ރިސޯޓެއްގައި ސްވިމިން ޕޫލަށް އެރި އުޅުނު 8 އަހަރުގެ ކުއްޖަކުވެސް މިއަދު ގެނބިގެން މަރުވެފައިވާއިރު ފުލުހުން ބުނީ މަރުވެފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މަރުވި ކުއްޖާގެ އާއިލާއިން ޗުއްޓީ ހޭދަކުރުމަށް މާލެ އަތޮޅު ކޮކޯ ބޮޑު ހިތި ރިސޯޓަށް އައިސްފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަދި އެކުއްޖާ މަރުވެފައިވަނީ އެ ރިސޯޓުގެ އިންޑޯ ޕޫލަކަށް އެރި އޮއްވައެވެ.